ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ. ޒައިނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ ބޯޑުގައި ބޭންކިން ދާއިރާ ތަމްސީލް ކުރާ މެންބަރުގެ ގޮތުގަ އެވެ.

ޒައިނާ އަބްދުﷲ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވާނަންސްގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.

ޕީސީބީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޒައިނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގަ އެވެ. މީގެ އިތުރުން، އޭނާ ވަނީ މީގެ ކުރިން ޕްރައިވެޓައިޒޭޝަން ބޯޑުގެ ސީނިއަ އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ޕީސީބީގައި ކުރިން މަސައްކަތް ކުރެއްވި މުއްދަތުގައި ޒައިނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓާކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައިވެސް އޭނާ އިސްކޮށް އުޅުއްވާފައިވެ އެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފަ އެވެ. އަދި އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެ އެވެ.