ދުނިޔޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ބައިނަލްއަގްވާމީ ފުޓްބޯޅައާ އަލްވަދާއު ކިޔާނެ ކަމަށް ބެލެވޭއިރު، އޭނާގެ ފުޓްބޯޅަ ލެގަސީ ނުވަތަ ރަސްކަން ދެމެހެއްޓުމުގެ ޒިންމާ އޮތީ އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ އަތްމަތީގަ އެވެ.
އުމުރުން މިހާރު 16 އަހަރު ފުރިފައިވާ ރޮނާލްޑޯ ޖޫނިއާ އަކީ މެންޗެސްޓާ ޔުނައިޓެޑް، ޔުވެންޓަސް އަދި އަލް-ނަޞްރުގެ އެކަޑެމީތަކުން ތަމްރީނުވެ، މިހާރުވެސް ޕޯޗުގަލްގެ 15 އަހަރާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށް ކުޅެމުން އަންނަ އުންމީދީ ކުޅުންތެރިއެކެވެ.
އިސްކޮޅުން މިހާރުވެސް އޭނާގެ ބައްޕައަށްވުރެ ދިގު، އަދި ޒުވާން އުމުރުގައި ގިނަ އަދަދަކަށް ލަނޑު ޖަހަމުން އަންނަ މި ކުޅުންތެރިޔާ ބޮޑުވެގެން ސީނިއާ ޓީމަކަށް ކުޅޭއިރު އޭނާއަށް ބައިނަލްއަގްވާމީ މައިދާނުގައި ތަފާތު ފަސް ގައުމެއް ތަމްސީލު ކުރުމުގެ ގާނޫނީ ފުރުސަތު އެބަ އޮތެވެ.
1. ޕޯޗުގަލް
މިއީ އެންމެ ފާހަގަ ކޮށްލެވޭ އަދި އޭނާ ކުޅުމުގެ ފުރުޞަތު އެންމެ ބޮޑު ގައުމެވެ. ރޮނާލްޑޯ ޖޫނިއާ އަކީ ޕޯޗުގަލްއަށް އުފަން ކުއްޖަކަށް ނުވި ނަމަވެސް، އެއީ އޭނާގެ ބައްޕަގެ އުފަން ގައުމެވެ. އަދި މިހާރުވެސް އޭނާ އަންނަނީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެމުންނެވެ.
2. އެމެރިކާ
ރޮނާލްޑޯ ޖޫނިއާ އުފަންވީ އެމެރިކާގެ ކެލިފޯނިއާގެ ލާ މޭސާ އަށެވެ. އެހެންކަމުން، އުފަންވި ގައުމުގެ ނިސްބަތުން އޭނާއަށް އެމެރިކާގެ ގައުމީ ޓީމަށް ކުޅުމުގެ ފުރިހަމަ ޙައްގު ލިބިގެންވެ އެވެ. އެމެރިކާއަކީ މިހާރު ފުޓްބޯޅައިގައި ކުރިއަރަމުން އަންނަ ގައުމެކެވެ.
3. ސްޕެއިން
ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު، ރޮނާލްޑޯ ޖޫނިއާ ވަނީ ސްޕެއިންގައި ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފަ އެވެ. ސްޕެއިންގެ ގާނޫނުތައް ބުނާ ގޮތުން، އެ މުއްދަތަށް ބަލައި އޭނާއަށް ސްޕެއިންގެ ރައްޔިތަކަށް ވުމަށް އެދި ހުށަހެޅިދާނެ އެވެ. އެހެން ކަމުން ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ ސްޕެއިންއަށް ކުޅުމުގެ ދޮރުވެސް އޭނާއަށް ވަނީ ހުޅުވިފަ އެވެ.
4. އިންގްލޭންޑް
އޭނާގެ ބައްޕަ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު އިނގިރޭސިވިލާތުގައި ހޭދަކުރި ދުވަސްތަކަށް ބަލައި، ރޮނާލްޑޯ ޖޫނިއާ އަށް އިނގިރޭސި ރައްޔިތެއްގެ ގޮތުގައި ޕާސްޕޯޓް ހޯދުމުގެ ފުރުސަތު ވެސް އޮވެ އެވެ. އިންގްލޭންޑްގެ އެފް.އޭ އިން އޭނާގެ ހުނަރަށް ފާރަވެރިވެ، އިންގްލޭންޑް ޓީމަށް ކުޅުވަން ބޭނުން ވެއްޖެނަމަ އެކަން ކުރުމުގެ ގާނޫނީ ފުރުސަތު އެބަ އޮތެވެ.
5. ކޭޕް ވާޑޭ
މިއީ އޭނާ ހޮވުމުގެ ފުރުސަތު އެންމެ ކުޑަ، ނަމަވެސް ގާނޫނީ ގޮތުން ކުޅެވޭނެ އެފްރިކާގެ ގައުމެކެވެ. ކޭޕް ވާޑޭއަށް ކުޅުމުގެ ހައްގު އޭނާއަށް ލިބެނީ އޭނާގެ ބައްޕަ ފަރާތުގެ މާމަ، މާރިއާ ޑޮލޮރެސް ޑޮސް ސަންޓޯސް އަވޭއިރޯގެ ސަބަބުންނެވެ. ކޭޕް ވާޑޭ އަކީ މިފަހަކަށް އައިސް ވޯލްޑް ކަޕަށް ކޮލިފައިވަމުން އަންނަ ޓީމެކެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ ފުޓްބޯޅަ ކެރިއަރު ސީނިއާ ލެވެލްއަށް ދާއިރު، އޭނާ އިހްތިޔާރު ކުރާނީ ކޮން ގައުމެއްގެ ޖާޒީއެއްތޯ ބެލުމަށް މުޅި ފުޓްބޯޅަ ދުނިޔެ އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
ފްލެޓްތަކުގައި ގާބޭޖް ޝޫޓް ހަރުކޮށްފައި ނުވާތީ ސުވާލު ކުރަނީ
ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ތޯރިގާއި އާދަމް ޝަރީފް