ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ބޭރުގެ ދެ މަސް ބޯޓު ބެލިއިރު، ގާނޫނާ ގަވައިދާ ހިލާފު އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ މި ދެ ބޯޓު ފާހަގަކޮށް ސިފައިންނަށް ރިޕޯޓުކުރީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި މަސްދޯންޏަކުންނެވެ. އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ވަގުތުން އޮޕަރޭޝަނެއް ފަށައި، އެ ހިސާބުން ދަތުރުކުރި އުޅަނދުތައް ވަނީ ހުއްޓުވާފަ އެވެ.

އޭގެ ފަހުން ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އެ ބޯޓުތަކަށް އަރައި ބަލައި ފާސްކުރި ނަމަވެސް، ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގަވާއިދުތަކާ ހިލާފުވާ ފަދަ އެއްވެސް ޝައްކުކުރެވޭ ކަމެއް ނުވަތަ އެއްޗެއް ފެނިފައެއް ނުވެ އެވެ. ސިފައިން ބުނި ގޮތުގައި އެ އުޅަނދުތައް ދަތުރުކުރަމުން ދިޔަ ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރުގެ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހުރަސްކޮށް އެއް ގައުމުން އަނެއް ގައުމަށް ދިއުމަށް އާންމުކޮށް ބޭނުންކުރާ ސަރަހައްދެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވެފައި، ބޭރުގެ މަސްބޯޓުތައް ގަވާއިދާ ހިލާފަށް ވަދެ އުޅުން ހުއްޓުވުމަށް ސިފައިން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ. ނަމަވެސް މި ފަހަރު ހިފެހެއްޓި ބޯޓުތަކަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް އަދި އެ ތަކެއްޗަށް ފާސްކުރުމަށްފަހު ފުރުމުގެ ހުއްދަ ދިނީ ކަމެއް ނުވަތަ ނޫންކަމެއް އެމްއެންޑީއެފުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ބޭރުގެ ބޯޓުތައް އަތުލައިގަތުމަކީ ދޭތެރެއަކުން ހިނގާ ކަމަކަށްވާއިރު، އެންމެ ފަހުން މިފަދަ ހާދިސާއެއް ރަސްމީކޮށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. އޭރު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް ގާނޫނީ ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓުތަކެކެވެ.