އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށާއި، ކަނޑުދަތުރުފަތުރުގެ ނިޒާމު އަލުން ފެށުމާ ގުޅޭގޮތުން ފަންނީ ފެންވަރުގެ މަޝްވަރާތައް ދޯހާގައި ފަށައިފި އެވެ.
މިއަދު ގަތަރުގެ ދޯހާގައި މި ބައްދަލުވުންތައް ފެށީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަމާންކަން ކަށަވަރުކުރުމަށާއި، ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ މަގުޗާޓަކަށް އެއްބަސްވުމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރާއި މަންދޫބު ސްޓީވް ވިޓްކޮފް ވަނީ ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފަ އެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ގަތަރާއި ޕާކިސްތާނުންނެވެ. ނަމަވެސް، ކުޝްނަރާއި ވިޓްކޮފް މި ފަންނީ މަޝްވަރާތަކުގައި ސީދާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި، ގަތަރުގައި ކުރިއަށްދާ ބައްދަލުވުންތަކުގެ ނަތީޖާ އުންމީދީ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށްދަނީ ރަނގަޅަށް ކަމަށާއި، އީރާނުން މިހާރު ދޫދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި މަޝްވަރާތައް ބިނާވެފައިވަނީ މިދިޔަ ޖޫން މަހު ސޮއިކުރި 14 ނުކުތާގެ މައްޗަށް އެކުލެވޭ ވަގުތީ އެއްބަސްވުމެއްގެ މައްޗަށެވެ. އެ އެއްބަސްވުމުގެ މަގުސަދަކީ، މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓާލުމާއި، ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ. މީގެ އިތުރުން 60 ދުވަހުގެ ތެރޭގައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، މި ވަގުތީ އެއްބަސްވުމުގެ މާނަކުރުމުގައި ދެ ގައުމުގެ މެދުގައި އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން ފާއިތުވި ހަފުތާގައި ދެ ފަރާތުންވެސް ވަނީ ހަމަލާތައް ބަދަލުކޮށްފަ އެވެ.
އީރާނުން ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އެގައުމަށް އޮތްކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމުގެ ހައްގު ލިބިގަތުމަށެވެ. މިހާރު އެ ކަނޑުއޮޅިން ދަތުރުފަތުރުގެ ބައެއް މަސައްކަތްތައް ފެށިފައިވީ ނަމަވެސް، މިއީ މުޅި ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މުހިންމު ސަރަހައްދެކެވެ.
ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ މައިގަނޑު ހުށަހެޅުމަކީ ކަނޑުއޮޅި ބެލެހެއްޓުމުގެ ނިޒާމަށް އެއްބަސްވުމާއި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު ދޫކޮށްލުމެވެ. އެމެރިކާގެ އެންމެ ބޮޑު އިސްކަމެއް ދެނީ އެއްވެސް ހުރަހެއް ނެތި ކަނޑުއޮޅިން އުޅަނދުފަހަރަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފައިވާއިރު، އީރާނާއި ލުބުނާނުން އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
މީގެ އިތުރުން، މި މަޝްވަރާތަކުގެ ތެރޭގައި އިޒްރޭލާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓާލުމާ ގުޅޭގޮތުންވެސް ދަނީ ވާހަކަދެކެވެމުންނެވެ. އެމެރިކާއިން އިސްނަގައިގެން އިޒްރޭލާއި ލުބުނާނުގެ ސަރުކާރާއެކު ވަކި މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، ހިޒްބުالله އިން ވަނީ އެކަން ބަލައިގަތުމަށް އިންކާރުކޮށްފަ އެވެ.
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
ކޮންގޯގެ "ސްޓެޗޫ" ސަޕޯޓަރަށް އެމެރިކާގެ ވިސާއެއް ނުލިބުނު!