ނިއުޔޯކްގެ އެމްޕަޔާ ސްޓޭޓް ބިލްޑިންގްގެ އެންމެ އުހަށް އަރައި ބޮޑު ސްޓަންޓެއް ޖެއްސި ރަޝިއާގެ ދެ މީހަކު ނިޔު ޔޯކްގެ ސިފައިން ހައްޔަރު ކޮށްފި އެވެ.
އެ ދެމީހުން ވަނީ އެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލުމަށްފަހު، އިމާރާތުގެ އެންމެ މަތީގައި ހުންނަ އެންޓެނާއަށް ވަގަށް އަރައި، ބޮޑު މެސެޖެއް ދައްކާލުމަށްފަހު ކައިވެނި ހުށައަޅާފަ އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާއަކީ މުޅި ނިއުޔޯކް ސިޓީ ސިއްސުވާލި އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ނުރައްކާތެރި ހާދިސާ އެކެވެ.
މި ސްޓަންޓާއެކު ހައްޔަރު ކޮށްފައިވަނީ ނެޓްފްލިކްސްގެ "ސްކައި ވޯކާސް: އަ ލަވް ސްޓޯރީ" ޑޮކިއުމެންޓްރީއިން މަޝްހޫރުވި، އުސް އިމާރާތްތަކަށް ސަލާމަތީ ވަސީލަތްތަކާ ނުލާ އަރާ ދެ ލޯބިވެރިން ކަމަށްވާ އެންޖެލާ ނިކޮލާއުއާއި އީވާން ބީކަސް (އީވާން ކުޒްނެޓްސޮވް) އެވެ.
ކަޅު ހެދުމުގައި ތިބި މި ދެމީހުން ވަނީ 1,454 ފޫޓު އުސް މި އިމާރާތުގެ އާންމުންނަށް ވަނުން މަނާ 103 ވަނަ ފްލޯގެ ހެޗަކުން ރޭޑިއޯ އެންޓެނާއަށް އަރާފަ އެވެ.
އެންޓެނާގެ އެންމެ މައްޗަށް، އެއްވެސް ވާގަނޑެއް ނުވަތަ ރައްކާތެރިކަމުގެ ސާމާނެއް ނެތްގޮތަށް އެރުމަށްފަހު، އެމީހުން ވަނީ ދުނިޔޭގެ ސުލްހައަށް ގޮވާލާ ބޮޑު ކަޅު ބެނާއެއް ދަމާލާފަ އެވެ. އެ ބެނާގައި ހުދު އަކުރުން ލިޔެފައިވާ މެސެޖަކީ "ބާރުވެރިކަމުގެ މައްޗަށް ލޯބި ކުރިހޯދާ ދުވަހަކުން، މުޅި ދުނިޔެއަށް ސުލްހަވެރިކަން ލިބޭނެ އެވެ."
މިއީ މަޝްހޫރު ގިޓަރިސްޓް ޖިމީ ހެންޑްރިކްސް ބުނެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، ސުލްހައާ ގުޅޭ ވަރަށް ނުފޫޒުގަދަ ޖުމްލަ އެކެވެ. ނިއުޔޯކްގެ އުޑުމަތިން ނަގާފައިވާ ހެލިކޮޕްޓަރުގެ ވީޑިއޯތަކަށް މި ބެނާ ވަރަށް ސާފުކޮށް ފެނިފައިވެ އެވެ.
ބެނާ ދެއްކުމަށްފަހު، އެމީހުން އެންޓެނާގެ ތިރީގައި ހުރި ތަނަވަސް ޕްލެޓްފޯމަކަށް ފޭބި އެވެ. އެތަނުގައި އީވާން ވަނީ ކަކޫ ޖަހައި، އެންޖެލާއަށް ކައިވެންޏަށް ހުށަހަޅާފަ އެވެ.
އެންޖެލާ މި ހުށަހެޅުން ގަބޫލުކޮށް، ދެމީހުން ބައްދާލައި ސެލްފީ ނަގަމުން ދަނިކޮށް، ނިއުޔޯކް ފުލުހުންގެ ހާއްސަ ޓީމަކުން އެތަނަށް އަރައި އެ ދެމީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ ބޮޑީ ކެމެރާ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އެމީހުންނާ ދިމާލަށް "ތިޔަ ތަނުގައި ތިބުމަކީ މަނާކަމެއް" ބުނުމުން، އެމީހުން ވަނީ "އަހަރެމެން މިއުޅެނީ އެންގޭޖް ވެގެން" ކަމަށް ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން އެމްޕަޔާ ސްޓޭޓް ބިލްޑިންގްގެ އޮބްޒަވޭޝަން ޑެކް ވަގުތުން ހުސްކޮށް، ދަށުގައިވާ ބައެއް މަގުތައް ބަންދު ކުރަން ޖެހުނެވެ.
މި ދެމީހުންގެ މައްޗަށް މިހާރު ވަނީ ހުއްދަނެތް ތަނަކަށް ވަނުމުގެ ކުށާއި، އާންމުންގެ ސަލާމަތަށް ނުރައްކާ ކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟