ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓްޕޭ ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ހަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އާ ހިދުމަތެކެވެ.
ސްޕްލިޓްޕޭ ހިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ބީއެމްއެލް ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށް މި ހިދުމަތްދޭ ވިޔަފާރިތަކުން ސްޕްލިޓްޕޭގެ ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަކާޑް ބްރޭންޑްގެ ކްރިޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައިވާ ކަމަށެވެ.
"މި ޚިދުމަތުގެ ސަބަބުން، ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ހިދުމަތެކެވެ.
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
އައްޑޫން 3 ވަނަ ޑްރަގް ކެފޭ ބަންދުކޮށްފި
ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް