ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިރޭ އޮސްޓްރިއާ އަތުން 3-0 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ. މިއީ 16 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން ސްޕެއިން މޮޅުވި ފުރަތަަމަ ފަހަރެވެ.

މުޅި މެޗުގައި ވެސް ގިނައިރު ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލްކުރީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އެވެ. އެކަަމަކު އެ ޓީމަށް އޮސްޓްރިއާގެ ޑިފެންސް ފޫއަޅުވާލެވުނީ މެޗުގެ 36 ވަނަ މިނިޓުގަ އެެެވެ. ސްޕެއިންގެ މާކް ކުކުރެޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ގޯލަށް އަމާޒުކޮށްލައި، ސްޕެއިނަށް ލީޑު ހޯދައިދިނީ މިކޭލް އޮޔަރްޒަބާލެވެ.

މެޗުގެ 66 ވަނަ މިނިޓުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު ޕެޑްރޯ ޕޯރޯ އެވެ. އަދި މެޗުގެ 89 ވަނަ މިނިޓުގައި އޮޔަރްޒަބާލް ވަނީ ސްޕެއިންގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި އޭނަ ޖެހި ހަތަރު ވަނަ ލަނޑެވެ.

މިއީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ވޯލްޑް ކަޕެއްގެ ނޮކްއައުޓް މެޗަކުން ސްޕެއިން މޮޅުވި ފުރަތަމަ ފަހަރެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ސްޕެއިން ކެޓިއިރު، 2018 އަދި 2022 ވަނަ އަހަރު ވޯލްޑް ކަޕުން ސްޕެއިން ކެޓީ ގަދަ 16ގެ ބުރުންނެވެ.

ގަދަ 16 ގައި ސްޕެއިންއާ ދެކޮޅަށް ނުކުންނާނީ ޕޯޗުގަލް ނުވަތަ ކްރޮއޭޝިއާ އެވެ.