އޭނާ އަބަދުވެސް ފަހާ ހިތްވޭ. ފެހުމުގެ މަސައްކަތް ފެށި ދުވަސްވަރަކީ އެހާ ފުދުންތެރި ދުވަސްވަރެއް ނޫނަސް، ލިބުނު އެއްޗަކުން އޭނާ އެ މަސައްކަތް ފެށި. އެކި ގޮތް ގޮތުން ފޮތި ހޯދައިގެން ރޭޒަރެއް ބޭނުން ކޮށްގެން މަޅު އެދުމަތީ އޭނާ ފެހުމުގެ މަސައްކަތް ކުރި. ފަހާ ފޮށްޓެއް ނުލިބޭއިރު ފަހާ އުޅުނީ ތިނޯހަކުން. ފަހުން ފަހާ ފޮށްޓެއް ހޯދައި އޭގައި މޯޓަރެއް ހަރުކޮށްގެން ފެހުމުގެ މަސައްކަތް ފެށި. ދިގުހެދުން ފެހުމާއި ޒަމާނީ ހެދުން ޑިޒައިން ކުރުމަށް ވެސް އޭނާ ވަރަށް ކުޅަދާނަ. ސޯޝަލް މީޑިއާގައި އޭނާގެ ފެހުންތައް ދައްކާލާނެ ޕޭޖެއް ނުގެންގުޅޭ. އެހެންނަމަ ވެސް އޭނާގެ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބޭ.

ފުދުންތެރި ދިރިއުޅުމެއް އުޅުމަކީ ދިވެހިންނަށް ލިބިފައިވާ ހާއްސަ ސިފައެކެވެ. މިހާރު މިދެކޭ ތަރައްގީގެ އެއްވެސް ކުލައެއް ނުޖެހި އޮތް ދުވަސްވަރު ކާބަފައިން ވަނީ ރާއްޖެއިން ލިބެންހުރި ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން އެ މީހުންގެ ބޭނުންތައް ފުއްދައިފަ އެވެ. ދިވެހި ރުކުގެ މުލުން ފެށިގެން ފަނާ ހަމައަށް އޭގެ އެކި ބައިތައް އެކި ބޭނުމަށް ބޭނުން ކުރެވޭ ކުރެވުމަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ. މިއީ ވެސް ދިރިއުޅުމުގައި ކާބަފައިން ނަމޫނާއަކަށް ބަލައިގެން އޭނާގެ މަސައްކަތުގައި ލިބެން ހުރި އެއްޗެއްގެ ބޭނުން ހިފި މޮޅު ހުނަރުވެރިއެކެވެ.

ބ. އޭދަފުށްޓަށް އުފަން އަޒީޒާ ހަސަން (އަޒީޒާ) ގެ ފެހުމުގެ މަސައްކަތަކަށް ހުއްޓުމެއް ނެތެވެ. އެ މަސައްކަތް އެ ގެންދަނީ އެންމެ ޒުވާންް ދުވަސްވަރު ކުރި ފަދައިން ކުރަމުންނެވެ. އުމުރުން 70 އަހަރުވީ ނަމަވެސް، މިއަދު ފެހުމުގައި ބޭނުން ކުރުމަށް ޒަމާނީ ގިނަ އާލާތްތައް އޭނާއަށް ލިބިފައިވީ ނަމަވެސް، އެ މަސައްކަތް އޭނާ ދަސްކޮށްފައި ވަނީ އެންމެ ދަތި އަދި އާދައިގެ ގޮތަށެވެ. ވަރަށް ދަތި ދުވަސްވަރެއްގަ އެވެ.

އަޒީޒާ ދިގުހެދުމެއް ފަހަނީ: އުމުރަށް ބެލުމެއްނެތި ފެހުމުގައި ކުރިއަށް

އޭނާ ނިސްބަތް ވަނީ އެ ރަށުގެ ބޮޑު އާއިލާއަކަށެވެ. އެއްބަނޑު އެއްބަފާ ނުވަ ކުދިން އާއިލާގައި ތިބޭތީ ދިރިއުޅުނީ އަޒީޒާގެ ބައްޕަ މަހަށް ގޮސްގެން ލިބޭ އެއްޗަކުން ޒަރޫރީ ބޭނުންތައް ފުއްދައިލައިގެން، ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެހެން ނަމަވެސް ފެހުމުގެ ޝައުގުވެރިކަން ހުރީތީ އެކަން ކުރާނެ ގޮތް ގޮތް އަމިއްލައަށް ހޯދި އެވެ.

"އަޅުގަނޑު ދިރިއުޅުނީ ވަރަށް ނިކަމެތި ހާލެއްގައި. އެކި ތަންތަނުން ފޮތިކޮޅު ހޯދައިގެން ހެދުމާ ޖަންގިޔާ ވެސް ފަހަނީ އޭރު. ހެދުމާ އެއްޗެހި ކަނޑަނީ މަޅު އެނދުގެ މަޅުތަކު މަތީ ބައްވައިގެން ރޭޒަރު ތިލަ ބޭނުން ކޮށްގެން. ފަހަނީ އަމިއްލައަށް، އަތުން ފަހާ ތިނޯހުން،" އަޒީޒާ ބުންޏެވެ.

އޭނާ ބޭނުންކުރާ އަންނައުނު ރޭޒަރަކުން ކަނޑައިގެން ތިނޯހަކުން ފަހައިގެން ލައިގެން އުޅެމުން ދަނިކޮށް، ފައިން އަނބުރާ ފޮއްޓަކުން ފަހާލާނެ ފުރުސަތެއް ލިބުނެވެ. ފަހާފޮށީގެ ފުރަތަމަ ތަޖުރިބާއިން އޭނާގެ ވިސްނުން ތަރައްގީކޮށްދިނެވެ. އެ ދުވަހުން ފެށިގެން ފަހާ ފޮށްޓެއް ހޯދުމުގެ ޝައުގުވެރިކަން އުފެއްދި އެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ހާލަތު ތަންނުދޭތީ ރަށުގައި ދިރިއުޅުނު އިރު އޭނާއަށް އެކަން ހާސިލް ކުރެވިފައެއް ނުވެ އެވެ.

އަހަރުތަކަކަށް ފަހު އޭނާ މާލެއަށް ބަދަލުވި އެވެ. އޭނާ މާލޭގައި އުޅުމުގެ ތެރެއިން އެއްދުވަހަކު މާލޭގައި ދިރިއުޅޭ އޭނާގެ ގާތް ރައްޓެއްސެއްގެ ގޭގައި ހުރި ފަހާ ފޮށްޓަކުން ފަހާލާނެ ފުރުސަތެއް ލިބުނެވެ. ފަހާފޮށިން ފެހުމުގެ ދެވަނަ ތަޖުރިބާއަށް ފަހު އޭނާ ފަހާ ފޮއްޓެއް ހޯދުމުގެ މަސައްކަތް ފަށައިގަތެވެ.

އަޒީޒާ ހެދުމެއްގައި މިނާ ހަރުކުރަނީ: އޭނާއަށް ފަހާ ފޮއްޓަކުން ފަހާލަން ލިބުނީ ގިނަ ދުވަސްތަކަކަށް ފަހު

"ކަރަންޓު ފަހާފޮށި އޭރަކު ނުހުރޭ. ވީމާ އެ ދުވަހު ފެހީ ފައިން އަނބުރާ ފޮޓަކުން. ހަނދާން ވާގޮތުގައި ފެހީ ހަރުވާޅެއް،" އަޒީޒާ ބުންޏެވެ.

ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު އޭނާގެ ފިރިމީހާ އޭނާއަށް ފަހާފޮށްޓެއް ގަނެދިނެވެ. އެއީ ފައިން އަނބުރާ ފޮށްޓެކެވެ. އެ ފޮށިން ފެހުން އަވަސް ކުރުމަށްޓަކައި އޭނާ އޭގައި މޯޓަރެއް ހަރުކުރި އެވެ. އެއަށްފަހު ތަފާތު ވައްތަރުގެ ހެދުންތައް އޭނާ ފަހަން ފެށި އެވެ. އޭގެ ތެރޭގައި ޔުނިފޯމާއި، އަބާޔާ، ކުޑަކުދިންގެ ހެދުން އަދި ދިގު ހެދުން ހިމެނެ އެވެ.

"އަޅުގަނޑުގެ މަސައްކަތް ފެށޭނީ ފަތިހު ހަތަރަކުން. ދަމު ނަމާދު ކޮށްލައިގެން ގުރުއާން ކިޔަވާލާފައި އެއަށްފަހު ފަތިސް ނަމާދު ކޮށް ނިމިގެން ފުރަތަމަ ކަމަކަށް އަޅުގަނޑު ކުރާ ކަމަކީ ހުރިހާ ހެދުމެއް ކަނޑަނީ. ދެން ބަދިގޭގެ މަސައްކަތްކުރަން ދަނީ. މަސައްކަތް ނިމުމުން ހަމަޖެހިލައިގެން ފަހާފޮށީ ކައިރި އިށީނދެ އިނދެ ފަހަން ފަށަނީ. އެ ދޭތެރެއިން މާމަ ކުދިންގެ ކަންތައް އަދި ގޭތެރޭގެ މަސައްކަތް ވެސް ކޮށް ހަދަން. ފަހަނީ ލިބޭ ހުރިހާ ހުސް ވަގުތު ތަކެއްގައި،" އަޒީޒާގެ ދުވަސް ކުރިއަށް ގެންދާ ގޮތް "ހުރިހާ"އަށް ކިޔައިދެމުން ބުންޏެވެ.

އަޒީޒާ އެންމެ މަޝްހޫރީ ރީތިކޮށް ދިގު ހެދުން ފަހާ މީހެއްގެ ގޮތުގަ އެވެ. ދިގު ހެދުމެއް ފަހަން ގެނައިމަ މިންނަގައި، ކަނޑާ އަދި ފަހާ ނިންމާލަނީ އެންމެ 3 ނުވަތަ 4 ގަޑިއިރު ތެރޭގަ އެވެ. އެއީ ގޭތެރޭގެ ކަންކަން ކުރަމުން އަދި އޭނާގެ މާމަ ދަރިފުޅު ވެސް ބަލައިދެމުން ނެވެ. އެހާ ވެސް އޭނާގެ ފެހުމުގެ ސްޕީޑް އަވަހެވެ.

އަޒީޒާ ފަހާފަވާ ބައެއް ހެދުން: ދިގުހެދުން ފެހުމަށް އޭނާ ވަރަށް މަޝްހޫރު

އަޒީޒާ މާލެ އައިރު ފާސްކުރި ހެދުން ނުވަތަ ދިގު ހެދުން ފެހުމުގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. ދިގު ހެދުން ފަހަން ދަސްކޮށްދިނީ ގ. ދާދަރާގޭ އަލްމަރްހޫމާ ޖަމީލާ އަލީ ކަމަށް އޭނާ ބުންޏެވެ.

މަރްހޫމާ ޖަމީލާ އޭނާއަށް ހެދުމަކާއި ބޯވަޅެއް ކަނޑައިދިނުމުން އެ ހެދުން ފެހި އެވެ. ދިގު ހެދުމެއް ފެހުމުގެ ފުރަތަމަ ތަޖުރިބާ އާއި ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހުނެވެ. ވަރަށް އުފާވި އެވެ. އެއީ ވަރަށް ރީތިކޮށް އަލަށް ދިގު ހެދުމެއް ފެހުނީތީ އެވެ. އެ ދުވަހުގެ ފަހުން އަމިއްލައަށް ކަނޑައިގެން އޭނާ ދިގު ހެދުން ފަހަން ފެށި އެވެ.

"އަޅުގަނޑުގެ ނީންނާނެ ޕޭޖެއް ވެސް. މީހުންގެ ހެދުން ފަހައިދޭތީ އެކަކު ގެ ފަރާތުން އަނެކަކަށް އަޅުގަނޑު ފަހާކަން އެނގެނީ. މިހާރު 50އަށް ވުރެ ގިނަ އަހަރު މިވަނީ މިމަސައްކަތް ކުރާތާ،" އަޒީޒާ ބުންޏެވެ.

މާލޭގައި ފަހާ ތަންތަން މަދު ދުވަސްވަރު ސްކޫލް ބެޖް ޖެހުމަކީ ވެސް އޭނާ ވަރަށް ގިނައިން ކުރި މަސައްކަތެކެވެ.

އަޒީޒާ ބުނިގޮތުގައި ހުރިހާ ސްކޫލެއްގެ ބެޖް ވެސް އޭނާ އޭރު ޖަހައިދެ އެވެ. ބެޖް ޖެހުމުގެ މަސައްކަތް އޭރު ކުރަނީ ތިނޯހަށް ރޮދި ލައްވައިގެން އަތުންނެވެ. އެ މަސައްކަތް ކުރީ އޭނާ އާއި އޭނާގެ ކޮއްކޮއާއި ދެ މީހުން ވެގެންނެވެ.

އަޒީޒާ ކުޑަކުއްޖެއްގެ ހެދުން ފަހަނީ: ހެދުން ފެހުމުގެ އިތުރުން ސްކޫލް ބެޖްޖެހުމަކީ ވެސް އޭނާ ވަރަށް ފަރިތަކަމާއެކު ކުރި މަސައްކަތެއް

އުމުރުގެ ގޮތުންނާއި އޭނާގެ މަސައްކަތް ހުންނަ ގޮތުން، ފެހުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމުގެ ވިސްނުމެއް މިވަގުތު އޭނާ ނުގެންގުޅެ އެވެ. ނަމަވެސް އޭނާ ގެންދަނީ ގޭތެރޭގައި ހުރެ، ފެހުމާއި އާ ޑިޒައިންތައް ކުރުމުގައި ކުރިއަށެވެ. އަޒީޒާގެ އުމުރު މައްޗަށް ދިޔަނަމަ ވެސް މަސައްކަތަކަށް ހުއްޓުމެއް ނެތެވެ. އުމުރަކީ ހަމަ ނަންބަރެކޭ ބުނަމުންނެވެ.