އިސްތަށިގަނޑުން އެމީހެއްގެ ސިއްހަތާ ބެހޭ ގިނަ ކަންތައްތަކެއް ބުނެދެ އެވެ. ބަލި ހާލަތެއް މެދުވެރިވެފައިވާ ނަމަ، އިސްތަށިގަނޑަށް ބަދަލުތަކެއް އާދެ އެވެ. ކެއުމުގައި މައްސަލަތަކެއް އުޅެ ހަށިގަނޑަށް ލިބެންވާ ވިޓަމިންސް އަދި މިނަރަލްގެ ބައި މަދު ނަމަވެސް، އިސްތަށިގަނޑަށް އަންނަ ބަދަލުތަކުން ފައިދާހުރި ކާނާ ހަށިގަނޑަށް މަދުވާ ކަމުގެ މެސެޖް ދެ އެވެ.
ރަނގަޅު ޝޭމްޕޫއެއް އަދި ކޮންޑިޝަނާއެއް ބޭނުން ނުކުރެވޭ ނަމަ، އިސްތަށިގަނޑަށް ގެއްލުން ލިބެ އެވެ. އަދި ހާއްސަކޮށް ޝޭމްޕޫ އަދި ކޮންޑިޝަނާ ބޭނުން ކުރަންވާ ގޮތް އަދި އުނގުޅަންވާ ދިމާ އޮޅިފައިވާ ނަމަވެސް އިސްތަށިގަނޑަށް އަންނަން ޖެހޭ ހެޔޮ ބަދަލު އައުން ހުއްޓުވަ އެވެ.
ޝޭމްޕޫ ބޮލުގެ ހަންގަޑަށް އަދި ކޮންޑިޝަނާ އިސްތަށިތަކަށް
ޝޭމްޕޫއިން އިސްތަށިގަނޑަށް ކޮށްދޭ ކަމަކީ އިސްތަށީގެ ބުޑުގައި އުފެދޭ ކުނިބުނި ސާފުކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ ތެލާއި ހިރަފުސް ފަދަ ތަކެއްޗެވެ. އިސްތަށިގަނޑުގެ ބުޑު ސާފުކޮށް ބެހެއްޓުމުން އިސްތަށިގަނޑު ވަރުގަދަވެ ދުޅަހެޔޮކޮށްދެ އެވެ. ޝޭމްޕޫ ހޭކެނީ އިސްތަށީގެ ބުޑުގެ ބަދަލުގައި އިސްތަށިތަކުގައި ނަމަ، އިސްތަށިތަކުގެ އޮފުކަން ގެއްލެން މެދުވެރިވެ އެވެ. އެއީ ޝޭމްޕޫއިން އިސްތަށިތަކުގައިވާ "ލިޕިޑް" ތެޔޮ ފަށަލަ ދޮވެލައި ނައްތާލާތީ އެވެ. ނަތީޖާއަކަށް ވަނީ އިސްތަށިގަނޑު "ޑްރައި" ނުވަތަ ހިކުމާއި ދެކަފި ވުމެވެ. ބޯ ދޮންނަ އިރު މުޅި އިސްތަށިގަނޑަށް ޝޭމްޕޫ ފޯރުވާތީ ވަކިން މުޅި އިސްތަށިގަނޑުގައި ޝޭމްޕޫ ލުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ.
ޝޭމްޕޫއާ ޚިލާފަށް ކޮންޑިޝަނާ ކޮށްދެނީ މުޅިން ތަފާތު މަސައްކަތެކެވެ. އެއީ އިސްތަށިތަކުގައި އޮމާން ފަށަލައެއް ލައިދިނުމެވެ. އޭގެ ސަބަބުން އިސްތަށިތަކަށް ރައްކާތެރި ކަމެއް ލިބިގެންދެ އެވެ. އޮމާން ކޮށްދެ އެވެ. ކޮންޑިޝަނާއެއް ބޭނުން ކުރުމަށް ފަހު، އިސްތަށިގަނޑު މަޑުވެފައި އޮފުކަމެއް ހުންނަނީ މިހެންވެ އެވެ.
ޝޭމްޕޫއެއް ބޭނުންކުރުމަށް ފަހު އިސްތަށިގަނޑަށް ލިބިފައިވާ ހިކިކަން، ކޮންޑިޝަނާގެ ސަބަބުން ފިލުވާލަދެ އެވެ.
ކޮންޑިޝަނާ އިސްތަށީގެ ބުޑުގައި ބޭނުންކޮށްފި ނަމަ، އެދިމާލުގައިވާ ތެލާއި ކުނިބުނީގެ ތެރެއަށް އިތުރު ތެޔޮ ފަށަލައެއް ލެވި އިތުރު ކުނި ފަށަލައެއް ލެވެ އެވެ. ނަތީޖާއަކަށް ވަނީ ބޮލުގެ ހަންގަޑަށް ތަފާތު މައްސަލަތައް ޖެހުމެވެ. ފަންގަސްގެ މައްސަލަތަކާއި ހަންފޮޅުމުގެ މައްސަލަތަކެވެ. ބިހިނެގުމާއި ދޮސްލުމެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން ބޮލުން އިސްތަށި ފައިބަން މެދުވެރިވެ އެވެ. ބޯދުވުމުގައި ހަނދާނުގައި ބެހެއްޓުން މުހިންމީ ޝޭމްޕޫ އިސްތަށިތަކުގެ ބުޑުގައި ހޭކުމާއި ކޮންޑިޝަނާ އިސްތަށިތަކުގެ މެދުން ފެށިގެން ނިމެންދެން ހޭކުމެވެ.
ވީމާ ޝެމްޕޫ އަދި ކޮންޑިޝަނާ އެބޭނުން ކުރަން އޮންނަ ޚާއްސަ ދިމާލުގައި ބޭނުން ކުރުމުން އިސްތަށިގަނޑަށް ހެޔޮ ބަދަލު އާދެ އެވެ. އިސްތަށިގަނޑު ވަރުގަދަ ވެ އެވެ. އިސްތަށި ފޭބުން ހުއްޓުވަ އެވެ. އޮމާންވެފައި މަޑުކޮށް ބަހައްޓައި ދެ އެވެ.