ޔުކްރޭނުގައި އުފައްދާފައިވާ އިންސްޓަންޓް ނޫޑްލްސްތަކަކާ ގުޅިގެން، ޔޫރަޕްގެ އެކި ގައުމުތަކުން 100 އަށްވުރެ ގިނަ މީހުންނަށް ސަލްމޮނެއްލާ ޖެހިފައިވާ ކަމަށް ޔޫރަޕްގެ ސިއްހީ އިދާރާތަކުން ހާމަކޮށްފި އެވެ.
ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީ، އީއެފްއެސްއޭ އާއި ޔޫރަޕިއަން ސެންޓާ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އީސީޑީސީ އިން ބުދަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނޮވެމްބަރު 2025 އިން ޖޫން 2026 އާ ދެމެދު، ޔޫރަޕްގެ އިއްތިހާދުގެ 13 ގައުމަކުންނާއި އިނގިރޭސިވިލާތުން މަދުވެގެން 106 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށެވެ.
މި ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މަދުވެގެން 49 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމޮނެއްލާ އަކީ ބަނޑާއި ގޮހޮރަށް ޖެހޭ އިންފެކްޝަނެކެވެ. މީގެ ސަބަބުން އާންމުކޮށް ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ހުންއައުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ. ގިނަ މީހުން ހާއްސަ ފަރުވާއަކާ ނުލައި މި ބަލިން ފަސޭހަވި ނަމަވެސް، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މިއީ ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. ނަމަވެސް، މިހާތަނަށް މި ނޫޑްލްސްއާ ގުޅިގެން އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، ބަލި ޖެހުނު ގިނަ މީހުން ކައިފައިވަނީ ޔުކްރޭންގެ ކުންފުންޏަކުން އުފައްދާފައިވާ "ފްލޭވާޑް" އިންސްޓަންޓް ނޫޑްލްސް އެވެ. މި އުފެއްދުންތަކުގެ އެކި ބެޗްތަކުން ސަލްމޮނެއްލާ ބެކްޓީރިއާ ފެނިފައިވާތީ، ބަލި ފެތުރެން މެދުވެރިވި ގިނަ ސަބަބުތަކެއް ހުރެދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެ އެވެ.
އީއެފްއެސްއޭ އާއި އީސީޑީސީގެ ބަޔާނުގައި ބުނެފައިވަނީ، މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ އަސްލަކީ އެއް ބްރޭންޑެއްގެ ނޫޑްލްސް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އުފެއްދުންތަކަކީ ޔޫކްރެއިންގެ އެއް ފެކްޓްރީއަކުން އުފައްދާފައިވާ ތަކެތިކަން ތަހުގީގަށް އެނގިފައިވާތީ، އުފައްދާ މަރުހަލާގައި މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވޭ ކަމަށާއި، އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި އިންފެކްޝަން ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފްރާންސް، ޖަރުމަނުވިލާތް، ހަންގޭރީ، ލެޓްވިއާ، ލިތުއޭނިއާ، ނެދަލޭންޑްސް، ނޯވޭ، ޕޮލެންޑް އަދި ސްވިޑަން ހިމެނެއެވެ. ނަމަވެސް، ބަލި ޖެހުނު ހުރިހާ އެންމެންނަކީ ސީދާ ޔުކްރޭންގެ ނޫޑްލްސްގެ ސަބަބުން ބަލިވި މީހުންކަން އަދި ކަށަވަރު ނުވާ ކަމަށް އިދާރާތަކުން ބުނެއެވެ.
ޔޫރަޕްގެ ސިއްހީ އިދާރާތަކުން މި ރިޕޯޓު ނެރުނުއިރު، "ރީވާ" ބްރޭންޑުގެ ނޫޑްލްސް އުފައްދާ ކުންފުނިން ވަނީ އެމީހުންގެ އުފެއްދުންތަކުގައި މައްސަލައެއް އުޅޭކަން ގަބޫލުކޮށްފަ އެވެ. ނަމަވެސް، ބަލިމަޑުކަން ފެތުރެން މެދުވެރިވި އަސްލު ބްރޭންޑަކީ އެއީ ކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ. ނިމިދިޔަ ހަފުތާގައި އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ގައުމުތަކަށް ފޮނުވި ނޫޑްލްސްގެ ވަކި ބެޗަކުން ސަލްމޮނެއްލާ ފެނިފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ. ރީވާ އިން ބުނި ގޮތުގައި އެ ބެޗަކީ ޔުކްރޭންގެ "ޔޫރޯ ފުޑް ސާވިސް" އިން އުފައްދާފައިވާ ތަކެއްޗެވެ.
10 މީހުންނާއެކު ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް
އަލްޖީރިއާ ބަލިކޮށް ސްވިޓްޒަލެންޑް ދެވަނަ ބުރަށް
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި