ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސްތައް، އުސޫލާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާނަމަ ހަރުކަށި ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފި އެވެ.
އެއާޕޯޓުގެ ރައްކާތެރިކަމާއި އޮޕަރޭޝަންތަކުގެ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި އެމްއޭސީއެލް އިން ނެރުނު ހާއްސަ ސާކިއުލާއެއްގައި ބުނެފައި ވަނީ، ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުމަށް، ވަކި ހާއްސަ ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ ހުއްދައެއް ކަމަށެވެ. ނަމަވެސް ބައެއް މުވައްޒަފުން އެއްވެސް އޮޕަރޭޝަނަލް ބޭނުމަކާ ނުލައި ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށާއި ކަސްޓަމްސް އޭރިއާއަށް ވަދެ، ދަތުރުވެރިންނާ މުއާމަލާތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވެ، ކަސްޓަމްސްގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައިވާ އާ އުސޫލުތަކުގެ ދަށުން، އަމިއްލަ ބޭނުންތަކަށް ފާސް ބޭނުންކުރުމާއި، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ވަނުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި މަސައްކަތުގެ ޒިންމާއަކާ ނުލައި ފަސިންޖަރުންނާ ވާހަކަދެއްކުން ވެސް މިހާރު ވަނީ މަނާކުރެވިފަ އެވެ.
އެމްއޭސީއެލް އިން ވަނީ މި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު ހަރުކަށި އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލައި، ކެންސަލް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
އެހެންކަމުން އެއާޕޯޓުގެ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަނދާންކޮށްދީފަ އެވެ.
އޮސްޓްރޭލިއާގެ އެހީގައި ކުޑަކުދިންގެ ޕާކުތައް ހަދަނީ
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި