އާއްމު ގޮތެއްގައި ބޯ އެނބުރުން ނުވަތަ ހޮޑުލެވުމަކީ ބަނޑުގެ މައްސަލައަކުން ނުވަތަ ކެވޭ އެއްޗެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އަހަރެމެންނަށް ހީވެފައި އޮވެ އެވެ.
ނަމަވެސް، އެއްވެސް ސަބަބެއް ނޭނގި ތަކުރާރުކޮށް ހޮޑުލެވި ބޯ އަނބުރާނަމަ އެއީ ސިކުނޑީގެ ނުވަތަ ނާރުގެ ނިޒާމުގެ ސީރިއަސް މައްސަލައެއްގެ ނިޝާނަކަށް ވެދާނެ ކަމަށް ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އިންޒާރުދެ އެވެ.
ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ހޮޑުލުމާއި ބޯ އެނބުރުމަކީ ހަމައެކަނި ހަޖަމުކުރާ ނިޒާމުގެ މައްސަލައެއް ނޫނެވެ. ބައެއް ހާލަތްތަކުގައި މިއީ ސިކުނޑިއަށް ލޭ ދައުރުވުމަށް ބުރޫ އެރުން ނުވަތަ "ސްޓްރޯކް" އެއްގެ ކުރީގެ ނިޝާނަކަށް ވުން އެކަށީގެންވެ އެވެ. މިއީ ވަގުތުން ސިއްހީ އެހީތެރިކަން ހޯދަންޖެހޭ ފުރާނައަށް ނުރައްކާތެރި ކުއްލި ހާލަތެކެވެ.
ނާރުގެ މައްސަލައަކުން ދިމާވާ ހޮޑުލުމާއި ބޮލުން އެނބުރުމާއެކު ތިރީގައިވާ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދާން ޖެހޭނެ އެވެ.
- ވާހަކަ ދައްކަން އުނދަގޫވުން ނުވަތަ ދޫ އޮޅުން: ބަސްތައް ސާފުކޮށް ބުނަން ނޭނގުން.
- ލޮލުގެ ފެނުމަށް ބަދަލު އައުން: އެއްޗެހި ފުސްކޮށް ފެނުން ނުވަތަ އެކެއް ދޭއްގެ ގޮތުގައި ފެނުން
- ހަށިގަނޑުގެ އެއްފަޅި ބަލިކަށިވުން: އަތް ނުވަތަ ފައިގެ ބާރު ދެރަވުން ނުވަތަ އައްސިވުން.
- ހިނގަން އުނދަގޫވުން: ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް ނުކުޅެދުން.
- ކުއްލިއަކަށް ބޮލުގައި ރިއްސުން: މީގެ ކުރިން ދުވަހަކުވެސް ރިއްސާފައިނުވާ ފަދަ ގަދަ ރިއްސުމެއް ބޮލަށް އިހުސާސްވުން.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ބަނޑުގެ މައްސަލައެއްނަމަ އާންމުކޮށް ބަނޑުގައި ރިއްސުން ނުވަތަ ބޭރަށް ހިންގުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ނަމަވެސް މިފަދަ އެއްވެސް އަލާމާތެއް ނެތި ހަމައެކަނި ބޯ އެނބުރުމާއެކު ހޮޑުލެވޭނަމަ އެއީ ނާރުގެ ނިޒާމާ ގުޅުންހުރި ކަމެއް ކަމަށް ބަލައި ސަމާލުވާންޖެހެ އެވެ.
ސިއްހީ މާހިރުން އިރުޝާދު ދެނީ މިފަދަ އަލާމާތްތަކަކީ އާންމު ކަމެއް ކަމަށް ބަލައި ފަރުވާ ކުޑަ ނުކުރުމަށެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ލޭމައްޗަށްދާ މީހުން ނުވަތަ ހަކުރުބަލި ހުންނަ މީހުންގެ ކިބައިން މިފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުން ނުހަނު މުހިއްމެވެ.
ކެންސަރަށްފަހު އާއްމު ދިރިއުޅުމަށް ހޭނެން އެހީއެއް!
ހިތަދޫ އުތުރު ބައި އިލެކްޝަންގައި ޕީއެންސީން ފައިސާ ބެހި!
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާގެ މައްސަލަ މަޖިލީހަށް