ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
މި މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ހުށަހެޅުއްވީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި، މިހާރުގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަމެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، މި ދެ ބޭފުޅުންނަކީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެންމެ އެކަށީގެންވާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ.
މި މަގާމަށް ވާދަކުރައްވާ މުހައްމަދު ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އެކައުންޓިންގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ފާތިމަތު އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިގެން ހުންނެވި، މިހާރުވެސް ޓެކްސް އިދާރާގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހަށް ހުށަހެޅި މި ދެ ނަން ދިރާސާކުރުމަށް މިހާރު ވަނީ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
2 އަހަރަށްފަހު ބިޔޯންސޭގެ ލަވައެއް ރިލީޒް ކޮށްފި
އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުމާލޭގައި ހުޅުވައިފި