ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަ ކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށެވެ.
ބީއެމްއެލް އިން ބުނީ މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަ ކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަ ކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދު ކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ. އަދި މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ބީއެމްއެލް މާސްޓަ ކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެއް ކަމަށެވެ. އަދި ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މާސްޓަ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އަދި އެ ބޭންކުން ދޫކުރާ މާސްޓަ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު އެކި އިނާމުތަކާއި ހާއްސަ ފުރުސަތުތައް ލިބިދޭ ކާޑެއް ކަމަށް ވެސް އެ ބީއެމްއެލް އިން ބުނެ އެވެ.
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ތަރިންގެ ތަފާތު ފެނިލުންތަކެއް!
ޕްރިތީގެ މައްސަލައާއެކު ކޯޓުގެ އަމުރެއް ގޫގުލް އަދި މެޓާއަށް!
މީހެއްގެ ގަޔަށް ހޫނުފެން އެޅި ފުލުހަކު ވަކިކުރީ ރަނގަޅަށް: ކޯޓު