މާސްޓާސް ޑިގްރީ ހާސިލުކުރާ ޓީޗަރުންނަށް މަގާމުގެ ކުރިއެރުން ނުދެވެނީ ކުރީގެ ސަރުކާރުން މުސާރައިގެ އޮނިގަނޑު ހަދާފައި އޮތް ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާސްޓާސް ނިންމާ މުދައްރިސުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމުގެ ކުރިން ހަތަރު އަހަރު ދުވަހު މަޑުކުރަންޖެހޭ ގޮތަށް ޕޭ ފްރޭމްވޯކް އެކުލަވާލާފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އަދި އެ އޮނިގަނޑު މިހާރު އޮތް ގޮތުން މާސްޓާސް ހަދާފައިވާ ޓީޗަރުން އެ ބޭފުޅުންގެ އާ ފަންތިއަށް ބަދަލުކޮށްފިނަމަ، ޑިގްރީ ފެންވަރުގެ ޓީޗަރަކަށް ލިބޭ މުސާރައަށް ވުރެ ވެސް އެ ބޭފުޅުންގެ މުސާރަ ދަށްވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޓްރާންސްފާކޮށްފި ކަމަށް ވަނީ ނަމަ މުދައްރިސުން، ޑިގްރީއެއް އޮވެގެން ލިބޭ މުސާރައަށް ވުރެ، ދެން މާސްޓާގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާ ގޮތަށް ޕޭ ފްރޭމްވޯކް މި އޮތީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ހަތަރު އަހަރުގެ ތެރޭގައި އަންނަންޖެހޭ ސްޓެޕް ޕްރޮމޯޝަންތައް މި ސަރުކާރުން މިހާރު ވެސް ދެމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ވަކި ބަޔަކަށް އިނގިލި ދިއްކޮށް ކުށްވެރިކުރުމުގެ ބަދަލުގައި ސަރުކާރުން އަވަހަށް ހައްލުކުރަން ބޭނުންވާ މުހިންމު މައްސަލައެއް ކަމަށެވެ.
އެހެންކަމުން ޕޭ ފްރޭމްވޯކްގައި ހުރި މިފަދަ ހުރަސްތަކާއި ކަންބޮޑުވުންތައް ނައްތާލުމަށްޓަކައި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުމާލޭގައި ހުޅުވައިފި
ސިވިލް ކޯޓު ގާޒީ ކަމަށް 42 މީހަކު ކުރިމަތިލައިފި