ތިރީސް އަހަރު ތެރޭގައި 2.2 ބިލިއަން ޔުއާން (ގާތްގަނޑަކަށް 325 މިލިއަން ޑޮލަރު) ރިޝްވަތުގެ ގޮތުގައި ހިފި ކަމަށް ސާބިތުވި ކުރީގެ ސިޓީ އޮފިޝަލަކު މަރަން ޗައިނާގެ އިރުމަތީ ސަރަހައްދުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ނަންޖިންގް ސިޓީގެ އެކި މަގާމުތަކުގައި 1993 އިން 2023 އަށް މަސައްކަތް ކުރި ޔަންގް ޔޫލިންގެ މައްޗަށް ވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ މައްސަލައެއްގައި އަތުލައިގަނެވުނު އެންމެ ގިނަ ފައިސާގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.

އުމުރުން 69 އަހަރުގެ ޔަންގް، އޭނާގެ މަގާމުގެ ބާރު ބޭނުންކޮށްގެން އިންޖިނިއަރިން ކޮންޓްރެކްޓްތަކާއި، ބިން ދޫކުރުމާއި، ފައިނޭންސިން ހޯދައިދިނުމުގައި އެކި ފަރާތްތަކަށް އެހީތެރިވެދީފައިވަނީ ފައިސާއާއި އަގުބޮޑު ތަކެތީގެ ބަދަލުގައި ކަމަށް ދައުލަތުގެ މީޑިއާއިން ބުނެ އެވެ.

ޔަންގްގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ރައީސް ޝީ ޖިންޕިންގް ފަށްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުންނެވެ. މި ކެމްޕޭނުގެ ދަށުން ސިފައިންގެ އިސް ވެރިންނާއި ބޭންކިންގް ދާއިރާގެ އިސް ފަރާތްތަކުގެ މައްސަލަތައް ވެސް ވަނީ ބަލާފަ އެވެ.

ހޯމަ ދުވަހު ޗަންގްޒޯ ސިޓީގެ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނަންޖިންގްގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ތަރައްގީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ޔަންގް ކޮށްފައިވަނީ އިންތިހާއަށް ސީރިއަސް ކުށްތަކެއް ކަމަށެވެ. އަދި އޭނާގެ އަމަލުތަކުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންގެ މަސްލަހަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ކޯޓުން ފާހަގަކުރި އެވެ.

ރައީސް ޝީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާއިރު، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އިގްތިސާދީ ކުށްތަކުގައި މަރުގެ އަދަބު ދިނުމަކީ ޗައިނާގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް، ރިޝްވަތުގެ ގޮތުގައި ހިފާ ފައިސާގެ އަދަދު 1 ބިލިއަން ޔުއާނަށްވުރެ އިތުރުވާ ހާލަތްތަކުގައި މަދުން ނަމަވެސް މިފަދަ ހުކުމްތައް އިއްވާފައިވެއެވެ.

މީގެ ކުރިން، 10 އަހަރުގެ ތެރޭގައި 1.8 ބިލިއަން ޔުއާން ރިޝްވަތުގެ ގޮތުގައި ހިފި މައްސަލައެއްގައި ފައިނޭންސް ދާއިރާގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ލައި ޝިއައޯމިންގްގެ މައްޗަށް އިއްވި މަރުގެ ހުކުމް 2021 ވަނަ އަހަރު ވަނީ ތަންފީޒުކޮށްފަ އެވެ. އަދި 3 ބިލިއަން ޔުއާނަށްވުރެ ގިނަ ފައިސާގެ ރިޝްވަތާއި ހިޔާނާތުގެ މައްސަލައެއްގައި އިނާ މޮންގޯލިއާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ލީ ޖިއަންޕިންގް ވެސް ވަނީ 2024 ވަނަ އަހަރު މަރާފަ އެވެ.

މިފަދަ އެހެން ގިނަ މައްސަލަތަކުގައި ކޯޓުތަކުން އިއްވަނީ ޖަލު އަދަބު ނުވަތަ މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ ހުކުމްތަކެވެ. މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރާ ހުކުމްތައް، ވަކި މުއްދަތަކަށްފަހު އާންމުގޮތެއްގައި އުމުރުދުވަހުގެ ޖަލު އަދަބަކަށް ބަދަލުވެއެވެ.

މީގެ އިތުރުން، ކުށް ސާބިތުވާ މީހުން އެހެން ކުށްވެރިންގެ މައުލޫމާތު ފޯރުކޮށްދީ ތަހުގީގަށް އެހީތެރިވެދޭ ހާލަތްތަކުގައި ކޯޓުތަކުން އަދަބު ލުއިކޮށްދީފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ޔަންގްގެ މައްސަލައިގައި ޗަންގްޒޯ ކޯޓުން ބުނީ، އޭނާ ތަހުގީގަށް އެހީތެރިވެދިން ނަމަވެސް، އޭނާ ކޮށްފައިވާ ކުށްތަކުގެ ނުރައްކާތެރިކަން ބޮޑުކަމުން، އެ އެހީތެރިކަމަކީ އަދަބު ލުއިކޮށްދޭންޖެހޭ ފަދަ ސަބަބެއް ކަމަށް ނުދެކޭ ކަމަށެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަންގް ވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކަށް އިއުތިރާފުވެ، ކޯޓުގައި ދެއްކި ވާހަކައިގައި އެ އަމަލުތަކާ މެދު ހިތާމަކުރާކަން ހާމަކޮށްފަ އެވެ.