ރާއްޖޭގައި މި ދުވަސްވަރު އާދަޔާ ހިލާފަށް ހިމަބިހި ފެތުރެމުންދާ ދިޔުމާއި އާސަންދަ ހިދުމަތާ ގުޅޭގޮތުން މަޖިލީހުން ކުރި ސުވާލުތަކުގެ ޖަވާބު "މިވަގުތު އަތުގައި ނެތް" ކަމަށް ވިދާޅުވެ އެ ސުވާލުތަކަށް ޖަވާބުދޭން ހެލްތު މިނިސްޓަރު ގީލާ އަލީ ދެކޮޅު ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވަނީ ސިއްހީ ދާއިރާއާ ގުޅުންހުރި މުހިންމު ބައެއް މައްސަލަތަކާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ހިމަބިހި ފެތުރެން މެދުވެރިވީ ޓެސްޓު ކިޓު ހުސްވުމުންތޯ އާއި، އާސަންދައިގެ ދަށުން ބޭރުގެ ހޮސްޕިޓަލްތަކަށް ނުދީ ހުރި ފައިސާގެ އަދަދާއި، ދާދިފަހުން އާސަންދައިގެ ދަށުން ޑުބާއީ އަދި ބެންކޮކަށް ބޭސްފަރުވާއަށް ފޮނުވި މީހުންގެ އަދަދު އޮޅުންފިލުވުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ހިތުގެ ބަލީގެ ޑިޕާޓުމެންޓުގެ އެގްރީމެންޓު ބާތިލުކުރި ކަމަށް ބުނާ ވާހަކައާއި، އަލަށް އުފެއްދި ސްޓޭޓް ފާމާ ކުންފުންޏަށް ބަޖެޓުން ކުރި ހަރަދުތަކާ ބެހޭގޮތުން ވެސް ސުވާލު ކުރެއްވި އެވެ.

ނަމަވެސް މިނިސްޓަރު ގީލާ ވިދާޅުވީ އެތަނަށް ވަޑައިގަތީ ވަކި ސުވާލުތަކަކަށް ޖަވާބުދެއްވަން ކަމަށް ވާތީ، އެ ވަގުތު އެ މައުލޫމާތުތައް އަތުގައި ނެތް ކަމަށެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ތަޅުން ހޫނުވެ، ފިއްޓޭ އާއި ޕީއެންސީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރެވުނެވެ.

"އިއްޒަތްތެރި މެންބަރު ވަރަށް ގިނަ ސުވާލުތަކެއް ތިޔަ ކުރެއްވީ، އެކަމަކު އަޅުގަނޑު މިކޮޅަށް މިއައީ ހަމަ ވަކި ސުވާލުތަކަކަށް ތިޔަ ބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި،" ގީލާ ވިދާޅުވި އެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމަކަށް ވީ ނަމަވެސް، ފަހަކަށް އައިސް މި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މިހާރު ބަލި ޖެހިފައިވާ މީހުންގެ އަދަދު 122 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 100 އަށްވުރެ ގިނަ ކޭސް ފެނިފައިވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގަ އެވެ.

ކުރީ ހަފުތާއާ އަޅާބަލާއިރު ކޭސްތަކުގެ އަދަދު ދެގުނަ އިތުރުވެފައި ވާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން މިހާރު ވަނީ ހާއްސަ ވެކްސިން ކެމްޕޭނެއް ފަށައި، ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން އެކަހެރިވެ ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.