މާލޭ ސިޓީ ކައުންސިލުގެ އެތެރޭގެ އޮޑިޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ނުދޭން ކައުންސިލާ މަޝްވަރާކުރުމެއް ނެތި ނިންމި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލްގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް އެތެރޭގެ ދެ އޮޑިޓެއް ވަނީ ހަދާފަ އެވެ. އަދި އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާނެކަމަށް މޭޔަރު އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި އޮޑިޓްތަކާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް އާންމު ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ ދަށުން ހުށަހެޅުމުން، ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކައުންސިލުން ފުރަތަމަ ދީފައިވާ ޖަވާބަކީ، ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަކުން ފާސްކުރުމަށް ފަހު އެ މައުލޫމާތު އާންމުކޮށް ޝާއިއުކުރާނެ ކަމަށެވެ.
ކައުންސިލުގެ އެ ޖަވާބާ ގުޅިގެން މައުލޫމާތު ހޯދަން އެދުނު ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅި އެވެ. އައިކޮމްއަށް ކައުންސިލުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އާރުޓީއައި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް، ދައުލަތުގެ މާލީ އަދި އިގުތިސޯދީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ. ނަމަވެސް، ޖެނުއަރީ މަހު ދިން ޖަވާބުގައި އެއީ ޝާއިއުކުރާނެ މައުލޫމާތެއްކަމަށް ބުނެފައިވާތީ، އެއީ ހިއްސާކުރުމުން އިގުތިސޯދީ މަސްލަހަތަށް ބުރޫއަރާނެ މައުލޫމާތެއް ނޫންކަން އެނގޭކަމަށް ކަނޑައަޅައި، ތިން ދުވަހުގެ ތެރޭގައި އަލުން ޖަވާބު ދިނުމަށް އައިކޮމް އިން ވަނީ ކައުންސިލަށް އަންގާފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކޮރަޕްޝަންގެ މައުލޫމާތު ނުދޭން ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު ނިންމީ މޭޔަރާއި ސެކްރެޓަރީ ޖެނެރަލްއާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
މައުލޫމާތު ދިނުމަށް ކައުންސިލުން އިސްކަންދޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މުވައްޒަފުން ދޭން ބޭނުންނުވާ މައުލޫމާތެއް ނަމަވެސް ކައުންސިލަރުންނަށް އެނގިގެން މެނުވީ އެ މައުލޫމާތެއް ނުދީ ނުހިފެހެއްޓޭނެކަން ކުރިންވެސް އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން، ގާނޫނީ އިމުގެ ތެރެއިން ދޭންޖެހޭ މައުލޫމާތު ހާމަކުރުމުގައި ހުރަހަކަށްވި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމުގެ ޔަގީންކަން މޭޔަރު ދެއްވި އެވެ.
ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު ވިދާޅުވި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ބޭއްވި އިސްވެރިންގެ ބައްދަލުވުމުގައިވެސް އާރުޓީއައި އާ ގުޅޭ މައްސަލައެއް ނެތްކަމަށް މުވައްޒަފުން ބުނެފައިވާ ކަމަށާއި، އައިކޮމްއަށް ޖަވާބު ފޮނުވާފައިވަނީ އުސޫލުތަކާ ހިލާފަށް އިދާރީ އިސްވެރިންނަށް އެނގުމަކާ ނުލައި ކަމަށެވެ. މިކަމާ ގުޅިގެން ބަޔާންތައް ނަގައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ފޯޅަވަހި ސަރަހައްދަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް
އެއާ ކާގޯ ހިސާބުތަކާ އެއާލައިން ރެކޯޑުތައް ދިމާނުވޭ: ފިރާގު
ނޯލަންގެ "ދަ އޮޑިސީ"އަށް ހޮލީވުޑްގެ ފެހި ސިގްނަލް!
