ބަރުދަން ލުއިކުރަން ކުރާ ދަތުރުގައި އެންމެ ގިނަ ބަޔަކަށް ކުރިމަތިވާ ގޮންޖެހުމަކީ ނަތީޖާ ފެނުން ލަސްވުމާއެކު އެކަމަށް އޮތް ހިތްވަރާއި ޝައުގުވެރިކަން ގެއްލުމެވެ. އެހެން ނަމަވެސް އެންމެ ތިން މަސް ދުވަހުން ވެސް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް މާހިރުން ބުނެ އެވެ.
އިންޑިއާގެ ނިއުޓްރިޝަނިސްޓްއެއް ކަމަށްވާ އިޝާން ސަޗްދޭވާ ހިއްސާ ކޮށްފައިވާ ގޮތުގައި، އެއްވެސް ކުރުމަގެއް ބޭނުންނުކޮށް، ސިއްހަތަށް ފައިދާހުރި ގޮތެއްގައި ތިން މަސްދުވަހުގެ ތެރޭގައި 20 ކިލޯއަށް ވުރެ ގިނައިން ބަރުދަން ލުއިކުރެވިދާނެ އެވެ.
ބަރުދަން ލުއި ކުރުމުގެ ދަތުރަކީ ދެމެހެއްޓެނިވި އަދި އެއްގޮތެއްގައި ހިފަހައްޓަންޖެހޭ މަސައްކަތެކެވެ. އިޝާން ހުށަހަޅާ 7 ފިޔަވަޅުގެ ޕްލޭން ތިރީގައި މިވަނީއެވެ.
1. ކެލޮރީ މަދުކުރުން
ބަރުދަން ލުއިކުރުމުގެ އެންމެ އަސާސީ ބަޔަކީ ހަށިގަނޑަށް އެތެރެކުރާ ކެލޮރީއަށް ވުރެ އަންދާލާ ކެލޮރީގެ މިންވަރު އިތުރު ކުރުމެވެ. ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މެއިންޓެނަންސް ކެލޮރީ ބަލައި، އޭގެއިން ކޮންމެ ދުވަހަކުވެސް ކެލޮރީ މަދުކޮށް ކެއުން ބައްޓަން ކުރަންޖެހެ އެވެ.
2. ޕްރޮޓީން ގިނައިން އެކުލެވޭ ކެއުން
ކެއުމުގައި ޕްރޮޓީންގެ މިންވަރު އިތުރު ކުރުމަކީ ބަނޑުހައިވުން ކުޑަކޮށްދީ، ގިނައިރު ވަންދެން ބަނޑު ފުރިފައި ހުރިކަމުގެ އިހުސާސް ކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން، ބަރުދަން ލުއިވާއިރު މަސްތައް ހަލާކުވިޔަނުދީ ހިފެހެއްޓުމަށް ޕްރޮޓީން އެހީތެރިވެ އެވެ.
3. ސްޓްރެންގްތު ޓްރެއިނިންގް ހެދުން
ހަމައެކަނި ކާޑިއޯ (ދުވުން ނުވަތަ ބައިސްކަލް ދުއްވުން) ކަސްރަތުތައް ކުރުމުގެ ބަދަލުގައި ބަރު އުފުލައިގެން ކުރާ ކަސްރަތުތަކަށް ސަމާލުކަން ދޭންޖެހެ އެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް މަތިކޮށް، އަރާމުކުރާ ވަގުތު ތަކުގައިވެސް ގިނައިން ކެލޮރީ އަންދައިދޭނެ ކަމެކެވެ.
4. ނިއުޓްރިއެންޓްސް ގިނަ ކާނާ އިހްތިޔާރު ކުރުން
ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި ހަކުރު ގިނައިން އެކުލެވޭ ތަކެތި ކެއުން ހުއްޓާލަންޖެހެ އެވެ. އޭގެ ބަދަލުގައި ތަރުކާރީ، މޭވާ، ނަޓްސް، އަދި ހޯލް ގްރެއިންސް ފަދަ ސިއްހަތަށް ފައިދާހުރި މާއްދާތައް ގިނައިން އެކުލެވޭ ކާނާ ބޭނުން ކުރާށެވެ.
5. ފެން ގިނައިން ބުއިން
ދުވާލަކު މަދުވެގެން 3 އިން 4 ލީޓަރުގެ ފެން ބޯންޖެހެ އެވެ. ގިނައިން ފެން ބުއިމަކީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރު ކޮށްދީ، ކެއުމުގެ އެދުން ކުޑަ ކޮށްދޭ ކަމެކެވެ. ބައެއް ފަހަރު ކެއުމަށް ހިތް އެދެނީ ހަށިގަނޑު ފެނަށް ބޭނުން ވުމުންނެވެ.
6. ހަމަނިދި ހޯދުމާއި ސްޓްރެސް ކުޑަ ކުރުން
ކޮންމެ ރެއަކުވެސް 7 އިން 8 ގަޑިއިރަށް ނިދަން އާދަ ކުރަންޖެހެ އެވެ. ނިދި މަދުވުމާއި ކަންބޮޑުވުން އިތުރު ވުމަކީ ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލު އައިސް، ބަރުދަން ލުއި ވުމަށް ހުރަސްއަޅާ ކަންކަމެވެ.
7. ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުން
ބަރުދަން ލުއިކުރުމުގެ ދަތުރުގައި ބައެއް ހަފްތާތަކުގައި ބަރުދަނަށް އެއްވެސް ބަދަލެއް ނައިސް ހިފެހެއްޓިފައި ހުރެދާނެ އެވެ. މިއީ އާންމު ކަމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި މާޔޫސްނުވެ، ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ އެންމެ މުހިއްމު ފިޔަވަޅެވެ.
މި ޕްލޭނަކީ އެއްވެސް ކުރު މަގެއް ނުވަތަ "ފޭކް" ބޭސްތަކެއް ބޭނުންނުކޮށް، ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް ގެނެސްގެން ނަތީޖާ ހާސިލު ކުރެވޭނެ ސިއްހީ ގޮތުން ރައްކާތެރި ގޮތެކެވެ.