ހޮނިހިރު ދަތުރު ސެގްމެންޓްގައި އަޅުގަނޑުމެން އާއްމުކޮށް ކިޔުންތެރިންނަށް ގެނެސްދެނީ ލޮލަށް ފެނުމާއެކު ހިތްތައް އަތުލައިގަންނަ ހިތްގައިމު ރީތި ފަތުރުވެރިންގެ މަންޒިލްތަކުގެ ވާހަކަ އެވެ.
އެހެން ނަމަވެސް ރަހަ ތަފާތު ކޮށްލުމުގެ ގޮތުން މި ހަފްތާގެ ހޮނިހިރު ދަތުރުގައި އަޅުގަނޑުމެން ބަލާލާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މާޔޫސް ކުރުވަނިވި ތަޖުރިބާއެއް ކުރެވޭ މަންޒިލްތަކަށެވެ.
ޔޫރަޕްގެ ރީތި މަގުތަކުން ފެށިގެން އޭޝިއާގެ ތާރީހީ އާސާރުތަކަށް ދިއުމަކީ އަހަރެމެން އެންމެންވެސް ދެކޭ ހުވަފެނެކެވެ. ސޯޝަލް މީޑިއާގެ ރީތި ފޮޓޯތަކާއި ވީޑިއޯތައް ފެނުމުން، އެ ތަންތަނަށް ދާން ހިތް އަވަސްވެ އެވެ.
ނަމަވެސް، ޔޫރޯނިއުސް ޓްރެވަލްއިން އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެ މަންޒިލަކަށް ދިއުމުން ހިތްހަމަ ޖެހުމުގެ ބަދަލުގައި ބޮޑު މާޔޫސްކަމެއް ލިބޭ މަޝްހޫރު ފަތުރުވެރިންގެ މަންޒިލްތައް ވަރަށް ގިނަ އެވެ.
ގާތްގަނޑަކަށް 100،000 ރިވިއު އެނަލައިޒްކޮށްގެން ހަދާފައިވާ މި ދިރާސާގައި، ފަތުރުވެރިން އެންމެ ބޮޑަށް ޝަކުވާ ކޮށްފައިވަނީ ތިން ކަމަކާއެވެ: އެއީ ބައިބޯ ވުމާއި، އިންތިހާއަށް އަގުބޮޑު ވުމާއި، އަދި އިންޓަނެޓުން ފެންނަ ފޮޓޯތަކާ ހަގީގަތާ ދިމާ ނުވުމެވެ.
މި ލިސްޓުން އެންމެ ކުރި ހޯދި ބައެއް މަންޒިލްތަކަށް ބަލާލަމާ ހިނގާށެވެ.
1. އެލްޓަން ޓަވާސް (އިނގިރޭސި ވިލާތް)
މި ލިސްޓުގެ އެއްވަނަ ލިބެނީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެމިއުޒްމަންޓް ޕާކް، އެލްޓަން ޓަވާސް އަށެވެ. ރިވިއުތަކުގެ 38.2 ޕަސެންޓަކީ ނެގެޓިވް ރިވިއު ތަކެވެ. މީހުން ބުނާ ގޮތުގައި ޓިކެޓް އަގުބޮޑު ވެފައި، އެތެރޭގެ ހިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑެވެ. އަދި ކޮންމެ ކުޅިވަރަކަށް ކިއޫގައި ގަޑިއިރުތަކެއް ވަންދެން ހުންނަން ޖެހުމަކީ ޕާކުގެ މަޖާކަން މުޅިން ކަނޑުވާލާ ކަމެކެވެ.
2. ސެޗެނީ ތާމަލް ބާތުސް (ހަންގޭރީ)
ބުޑަޕެސްޓްގެ މި ތާރީހީ ހޫނުފެނުގެ ފެންގަނޑުތަކަކީ ޔޫރަޕަށް ދާ މީހުން ނުގޮސް ދޫކޮށްނުލާ ތަނެކެވެ. ނަމަވެސް މިއީ މިހާރު ޔޫރަޕްގެ އެންމެ މާޔޫސް ކުރުވަނިވި ތަނަށް ވަނީ ވެފަ އެވެ. ރިވިއުތަކުގެ 16.6 ޕަސެންޓް މީހުން ބުނަނީ، މިއީ މިހާރު ހިތްހަމަ ޖައްސާލަން ދާ ފެންގަނޑެއް ނޫން ކަމަށާއި، މިއީ ހަމައެކަނި "މާސް ޓޫރިޒަމް ގެ ވިޔަފާރިއެއް ކަމަށެވެ. ކިއު ދިގުވުމާއި، މީހުން ގިނަކަމުން ފެންގަނޑަށް އެރުމުގެ ހިތްހަމަ ޖެހުމެއް ނުލިބެއެ ވެ.
3. ފުޝީމީ އިނާރީ ފައްޅި (ޖަޕާން)
ޖަޕާނުގެ ކިޔޯޓޯގައި ހުންނަ ރަތް ކުލައިގެ ހާހުން ގުނާލެވޭ "ތޮރީ ގޭޓްސް" ތަކަކީ އިންސްޓަގްރާމްގައި އެންމެ ވައިރަލްވާ އެއް މަންޒަރެވެ. އެކަމަކު ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އެތަނަށް ދާ 12 ޕަސެންޓް ފަތުރުވެރިން ބުނަނީ، ހަމަހިމޭން ކަމާއެކު ދީނީ އަދި ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލަން ކުރި އުންމީދު ވީ ފެނަށް ކަމަށެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ ކެމެރާ ހިފައިގެން ތޮއްޖެހިފައި ތިބޭ މީހުންނެވެ.
4. މޮނާ ލީސާ - ލޫވް މިއުޒިއަމް (ފްރާންސް)
ޕެރިހަށްދާ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އެއް އުންމީދަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކުރެހުން، "މޮނާ ލީސާ" ލޮލުން ދެކެލުމެވެ. ނަމަވެސް ގިނަ ފަތުރުވެރިންނަށް މި ތަޖުރިބާ ވަނީ ވަރަށް މާޔޫސް ކުރުވަނިވި ކަމަކަށެވެ. އެ ކުރެހުން ހުންނަ ކޮޓަރިއަށް ވަނުމަށް ގަޑިއިރުތަކެއްގެ ކިއުއެއްގައި ހުންނަން ޖެހޭއިރު، އެތެރެއަށް ވަދެވުމުން ކުރެހުމާ ކައިރި ވެވެނީ ވަރަށް ދުރަށެވެ. އަދި ހީކުރާ ވަރަށްވުރެ ކުރެހުން ކުޑަވުމާއި، އެންމެން ފޯނުތައް ހިފައިގެން ފޮޓޯ ނަގަން ތޮއްޖެހިފައި ތިބުން ބޮޑުކަމުން، ކުރެހުމުގެ ހަގީގީ ރީތިކަން ބަލާލުމުގެ ފުރުސަތެއް ނުލިބެ އެވެ.
5. ޓައިމްސް ސްކުއެއާ (އެމެރިކާ)
ނިއުޔޯކް ސިޓީގެ ހިތް ކަމަށްވާ ޓައިމްސް ސކުއެއާއަކީ ފިލްމުތަކުންނާއި އިޝްތިހާރުތަކުން ފެންނަ ދިއްލުންތަކުން ފުރިގެންވާ ހިތްގައިމު ތަނެކެވެ. އެކަމަކު ހަގީގަތުގައި އެތަނަށްދާ ފަތުރުވެރިން ބުނަނީ މިއީ ހަމައެކަނި ބޮޑެތި ޑިޖިޓަލް ބޯޑުތަކެއް ފިޔަވައި އެހެން ކަމެއް ނެތް، އަދި މާހައުލު އިންތިހާއަށް ތަގައްޔަރު ވެފައިވާ ތަނެއް ކަމަށެވެ. މީހުން ގިނަކަމުން ހިނގާ ބިނގާވެ އުޅެން އުނދަގޫވުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، އަދި އެކި ކަހަލަ ކޮސްޓިއުމްތައް ލައިގެން ތިބޭ މީހުން ފޮޓޯ ނެގުމަށްފަހު ގަދަކަމުން ފައިސާ ހޯދަން އުޅޭ އުޅުމަކީ ފަތުރުވެރިންނަށް މިތަން "އޯވާރޭޓަޑް" ތަނަކަށް ވާންޖެހޭ މައިގަނޑު ސަބަބުތަކެވެ.
ޓްރެވަލާސް ޓިޕް: ދެން ފަހަރަކުން ދަތުރު ރާވާއިރު، ހަމައެކަނި ސޯޝަލް މީޑިއާގެ ވައިރަލް ޕޯސްޓްތަކަށް ނުބަލާ، ފަހުގެ ރިވިއުތަކަށް ސަމާލުކަން ދޭށެވެ! މަޝްހޫރު ތަންތަނުގެ ބަދަލުގައި "އޮފް-ދަ-ބީޓަން-ޕާތު" ނުވަތަ މީހުން މަދު، ސާފު ރީތި މަންޒިލްތައް އިޚްތިޔާރުކުރުމުން ދަތުރުގެ ހަގީގީ އުފާ ލިބޭނެއެވެ.