ހޮލީވުޑްގެ މަޝްހޫރު ފިލްމު "އިޓް އެންޑްސް ވިތް އަސް"ގެ ސެޓުން އުފެދުނު ބޮޑު ކޯޅުމަށްފަހު، އެކްޓަރު އަދި ޑައިރެކްޓަރު ޖަސްޓިން ބަލްޑޯނީ އާއި އޭނާގެ އަންހެނުން އެމިލީ ބަލްޑޯނީ، އެ ފިލްމުގެ ބްލޭކް ލައިވްލީއާއެކު ކުރިއަށްދިޔަ ގާނޫނީ ހަނގުރާމައާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

މި ދެމަފިރިން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކުރިމަތިލާން ޖެހުނު ކޯޓު މައްސަލަތަކަކީ އެމީހުންގެ މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު "ނަފްސާނީ އަނިޔާއެއް" ކަމަށެވެ.

2024 ވަނަ އަހަރު ރިލީޒްކުރި މަގްބޫލު ފިލްމު "އިޓް އެންޑްސް ވިތް އަސް" ގެ މަސައްކަތް ނިމުމަށްފަހު، އެ ފިލްމުގެ ބަތަލާ ބްލޭކް ވަނީ ޖިންސީ ފުރައްސާރަކުރުމާއި ނުތަނަވަސް މާހައުލެއް އުފެއްދިކަމުގެ ތުހުމަތު ޖަސްޓިންގެ ބޮލުގައި އަޅުވާފަ އެވެ. 2024ގެ ފަހުކޮޅު ބްލޭކް ވަނީ ޖަސްޓިންއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދާފަ އެވެ.

މި ތުހުމަތުތަކާ ދެކޮޅަށް ޖަސްޓިން ވެސް ވަނީ ބްލޭކް އާއި އޭނާގެ ފިރިމީހާ ރަޔަން ރެނޮލްޑްސްގެ އިތުރުން އެމީހުންގެ ޕީއާރް ޓީމާ ދެކޮޅަށް 400 މިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއެއް ކޮށްފަ އެވެ.

ނަމަވެސް، ފަހުން ކޯޓުން ވަނީ ބްލޭކް ހުށަހެޅި 13 ތުހުމަތުގެ ތެރެއިން 10 ތުހުމަތެއް (ޖިންސީ ފުރައްސާރައިގެ ބައި ހިމެނޭހެން) ބާތިލް ކޮށްފަ އެވެ. އެއާއެކު ޖަސްޓިންގެ ކައުންޓަ-ލޯސޫޓް ވެސް ބާތިލްކުރި އެވެ. މިއަހަރުގެ މެއި މަހު ދެފަރާތުން ވަނީ ކޯޓުން ބޭރުގައި ސެޓްލްމަންޓަކަށް ގޮސް މައްސަލަ ނިންމާފަ އެވެ.

އިންސްޓަގްރާމް ވީޑިއޯގައި ޖަސްޓިންގެ އަންހެނުން އެމިލީ ބުނީ، މިވީ ދުވަސްތަކުގައި އެމީހުންނަށް ކުރިމަތިވީ ބޭއިންސާފާއި ހިތާމަ ބަޔާން ކުރަން ވެސް ދަތި ކަމަށެވެ.

"އަހަރެމެންނަށް މިވީ ދުވަސްތަކުގައި ވަރަށް ގިނަ ކަންކަމާ ހަނގުރާމަކުރަން ޖެހުނު. އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި މިފަދަ ބޭއިންސާފު ކަމެއް ހިންގާފާނެ ގޮތެއް ވިސްނައިގަންނަން ވެސް އުނދަގޫވި. މިއީ މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު ޝޮކެއް،" އެމިލީ ބުންޏެވެ.

ޖަސްޓިން ބުނި ގޮތުގައި ވޭތުވެދިޔަ ދެ އަހަރު އެއްޗެއް ނުބުނެ ހިމޭނުން ތިބީ ކޯޓު މަރުހަލާ ކުރިއަށްދާތީ، އިތުރު "ކަންތައް ގަނޑެއް" އުފައްދަން ބޭނު ންނުވާތީއެވެ.

"އަހަރެމެން މިދަނީ މިކަމުން އަރައިގަނެ، ހީލްވަމުން. ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ މީހަކަށް އެނގޭނެ އެއީ އެއްދުވަހުން ދެދުވަހުން ވާނެ ކަމެއް ނޫންކަން. މިހާރު އަހަރެމެން އެންމެ އިސްކަމެއް ދެނީ އަހަރެމެންގެ ދަރިންނަށާއި، އާއިލާ އަދި އަހަރެމެންގެ ދީނީ އަގީދާއަށް،" ޖަސްޓިން އިތުރަށް ކިޔައިދިނެވެ.

މައްސަލަ ސެޓްލްމަންޓަކުން ނިމުނު ނަމަވެސް، ކޯޓު ހަރަދުގެ ގޮތުގައި ބްލޭކް ލައިވްލީގެ ލީގަލް ޓީމުން ދަނީ ޖަސްޓިން އާއި އޭނާގެ ސްޓޫޑިއޯއިން 8 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް ވަކާލާތު ކުރަމުންނެވެ. މިކަމަށް ގާނޫނީގޮތުން ޖަވާބުދާރީ ވާން ޖަސްޓިންގެ ޓީމަށް ޖުލައި 13ގެ ނިޔަލަށް މުއްދަތު އެބަ އޮތެވެ.

ވީޑިއޯ ނިންމާލަމުން އެމިލީ ބުނީ، ހަގީގަތާއި ފެކްޓްސްތައް މިހާރު އެންމެންނަށް ސާފުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ވާހަކަތައް އިތުރަށް ތަފްސީލުކޮށް ކިޔައިދޭނެ ވަގުތު އަންނާނެ ކަމަށެވެ.