ފްރާންސް ޓީމާ ބެހޭގޮތުން ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ފަދަ ޓުވީޓެއް ކުރުމަށްފަހު، "ކުށަކަށް އިއުތިރާފުވުމަކީ ގޯހެއް ނޫން" ކަމަށް އަމީތާބް ބައްޗަން ބުނެފި އެވެ.

ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން، ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ހަމުގެ ކުލައަށް އަމާޒުކޮށް ކުރި "ނަސްލީ" ތަފާތު ކުރުން އެކުލެވޭ ޓުވީޓަކާ ގުޅިގެން އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވުމުން، އޭނާގެ ކުށަށް ނުސީދާކޮށް ވަނީ އިއުތިރާފުވެފަ އެވެ.

މި މައްސަލަ ހޫނުވީ ފީފާ ވޯލްޑް ކަޕް 2026 ގައި ޕެރަގުއޭ ބަލިކޮށް ފްރާންސް ކުރިއަށް ދިޔަ މެޗަށްފަހު އަމީތާބް ކުރި ޓުވީޓަކާ ގުޅިގެންނެވެ.

"T 5794 - މިހާރު މި ބުނެލަނީ: ފްރާންސްގެ ވޯލްޑް ކަޕް 2026 ފުޓްބޯޅަ ޓީމު.. ފްރާންސްގައޭ!! ޓީމުގައި ތިބީ 11 ކުޅުންތެރިން.. 10 ކަޅު ކުޅުންތެރިން..!! 1 ދޮން ކުޅުންތެރިއެއް!؟ 'ދަ ޕަވަ އޮފް ބްލެކް'." މި ޓުވީޓާއެކު ސޯޝަލް މީޑިއާގައި ބޮޑު ރާޅެއް އެރި އެވެ.

ގިނަ ބަޔަކު ތުހުމަތުކުރި ގޮތުގައި އަމީތާބް ވަނީ ފްރާންސްގެ ކުޅުންތެރިންނަކީ އެ ގައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި، އެމީހުންގެ ނަސްލާއި ހަމުގެ ކުލައަށް އެކަނި ބަލައި، ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދީފަ އެވެ.

ފާޑުކީ މީހުން ބުނިގޮތުގައި، އެ ކުޅުންތެރިންނަކީ ފްރާންސް ތަމްސީލުކުރާ އެ ގައުމުގެ ރައްޔިތުންނަށް ވާއިރު، އެމީހުންގެ ބެކްގްރައުންޑް ނުވަތަ އެފްރިކާގެ އަސްލަށް ނިސްބަތްކޮށް "ފްރާންސްގައޭ!!" ބުނެ މަޖާޒީ ގޮތެއްގައި ސުވާލު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އާންމުންގެ ނުރުހުމާއި ބޮޑު ފާޑުކިޔުންތަކަށްފަހު، އަމީތާބް ވަނީ އޭނާގެ ބްލޮގްގައި މިކަމަށް އިޝާރާތްކޮށް ދިގު ލިޔުމެއް ޝާއިއުކޮށްފަ އެވެ. އެ ލިޔުމުގައި އޭނާ ސީދާ އެ ޓުވީޓުގެ ވާހަކަ ނުގެނައި ނަމަވެސް، އެއީ އޭނާއަށް ކުރެވުނު ކުށެއްކަން ގަބޫ ލުކޮށްފައިވެ އެވެ.

"ކޮންމެ ދުވަހަކީ ވެސް ފިލާވަޅެއް.. ކޮންމެ ދުވަހަކީ ވެސް އާ ކަންތައްތަކެއް ދަސްވާ ދުވަހެއް، އަމިއްލަ ވިސްނުމާއި އަމިއްލަ ނިންމުންތަކުން ކަމެއް ކުރުމުން، އެ ކުރެވުނީ ކުށެއްކަން އެނގުމުން، އެ ކުށަށް އިއުތިރާފުވުމަކީ ގޯހެއް ނޫން.. އެއިން ދައްކުވައިދެނީ ތިމާގެ ޝަހްސިއްޔަތު" އޭނާ ބުންޏެވެ.

އަމީތާބް އިތުރަށް ބުނިގޮތުގައި، ބަހުސްތަކުގައި ތިމާގެ ކޮޅު ރަނގަޅު ކަމަށް ގަބޫލު ކުރެވުނު ނަމަވެސް، އަނެއް ފަރާތުން ދޫނުދޭނަމަ ބަހުސް ނިންމާލަން އެންމެ ރަނގަޅު ގޮތަކީ "ތިޔަބުނީ ރަނގަޅަކަށް ވެދާނެ" ކަމަށް ބުނެ އެކަމުން ދުރުވުމެވެ.

މި މައްސަލައިގައި އަމީތާބް ސީދާ މާފަށް ނޭދުނު ނަމަވެސް، އޭނާގެ ހަމުގެ ކުލައަށް އަމާޒުކުރި ޓުވީޓަކީ "ކުށެއް" ކަމަށް ގަބޫލުކޮށް، އެކަމުން އާ ފިލާވަޅެއް ދަސްވިކަމަށް ބުނެ ބަހުސް ވަނީ ނިންމާލާފަ އެވެ.