އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން މަސައްކަތް ކޮށްފިނަމަ، އެ ގައުމަށް ހާހުން މިސައިލް ފޮނުވާލާނެ ކަމުގެ އިންޒާރު އޭނާ ދެއްވައިފި އެވެ. ޓްރަމްޕް މި އިންޒާރު ދެއްވީ "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް އަމާޒުކޮށް 1000 މިސައިލް ވަނީ ތައްޔާރުކުރެވިފައި. އަދި އޭގެ ފަހަތުން އިތުރު އެތައް ހާސް މިސައިލެއް ފޮނުވާލުމަށް ވަނީ ތައްޔާރުގައި. މިއީ އެމެރިކާގެ ރައީސް، މި ހާލަތުގައި އަޅުގަނޑު، އަވަހާރަކޮށްލަން އީރާނު ސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ އިންޒާރުތަކަށް އަމަލީ ސިފައެއް ގެނެސްފިނަމަ ދޭނެ ރައްދެއް،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހުރިހާ ސަރަހައްދެއް އެއްކޮށް ސުންނާފަތިކޮށް ހަލާކުކޮށްލުމަށް ބޭނުންވާ އަމުރުތައް މިހާރު ވެސް ދީފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ޓްރަމްޕް މިފަދަ އިންޒާރެއް ދިންއިރު، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލު ހިފަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ވައުދުވެފަ އެވެ. އަދި ޓްރަމްޕް އަވަހަރާލަކޮށްލުމާއި ގުޅޭ ޕްލާނެއް އީރާނުން ގެންގުޅޭ ކަމަށް އިޒްރޭލުގެ އިންޓެލިޖެންސްއަށް އެނގިގެން އެމެރިކާއަށް އަންގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުން ނިމިއްޖެ ކަމަށް ބުނެ އެމެރިކާއިން ވަނީ އީރާނަށް ހަމަލާދޭން ފަށާފަ އެވެ. އޭގެ ރައްދުގައި އީރާނުން ވެސް ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބައެއް މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
މަސްރަހު ގޯސްވެފައިވާ މިވަގުތު އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣާލީބާފް ވިދާޅުވީ، އީރާނުން ދުވަހަކު ވެސް އެމެރިކާގެ ކުރިމަތީގައި ބޯ ގުދުނުކުރާނެ ކަމަށާއި، އެމެރިކާއިން އެއްބަސްވުންތަކާ ހިލާފުވެއްޖެނަމަ ގައުމު ދިފާއުކުރުމަށް އަބަދުވެސް އޮތީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު ދިފާއުކުރުމަށް ކުރާ ތައްޔާރީތަކެއް ދުވަހަކު ވެސް މެދުކަނޑައެއް ނުލަން. އެމެރިކާއިން ވެފައިވާ އެއްބަސްވުމަކަށް ހިޔާނާތްތެރިވާ ކޮންމެ ވަގުތަކު ފުރިހަމަ ދިފާއީ ރައްދެއް ދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޣާލީބާފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަކީ ދުނިޔޭގެ ގައުމުތަކުން އިސްކަންދޭ ކަމެއް ނަމަވެސް، އީރާނުން ބަލި ގަބޫލުކޮށް އަމާންދީގެން މި މައްސަލަ ދުވަހަކު ވެސް ނުނިމޭނެކަން އެންމެން ދަންނަން ޖެހޭނެ ކަމަށެވެ.
މި ބަޔާންތައް ނެރެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާ މިހާރު "ނިމިފައިވާ" ކަމަށް ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވުމާ ގުޅިގެންނެވެ.
ފައިސަލް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް
މިލިއަނުން ސްކޭމް ހިންގުމުން ވެސް މައްސަލަ ތަހުގީގެއް ނުކުރޭ
މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް