2015 ވަނަ އަހަރުން ފެށިގެން އިސްތަށިގަނޑު އެއްވެސް ވަރަކަށް ނުކޮށައި ދިގު ކުރަމުން އައި އިންޑިއާގެ އަންހެނަކު، ދުނިޔޭގައި މިހާރު ދިރިއުޅެމުންދާ އަންހެނުންގެ ތެރެއިން އެންމެ ދިގު އިސްތަށިގަނޑު އޮތް މީހާގެ ރެކޯޑް ހާސިލު ކޮށްފި އެވެ.
މި ރެކޯޑް ހޯދާފައިވަނީ އިންޑިއާގެ އުއްތަރާކަންޑްގެ ހަލްދްވާނީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ އަންހެނެއް ކަމަށްވާ ރޭނޫ ދާރިޔާލް އެވެ.
271.50 ސެންޓީމީޓަރުގެ ދިގު އިސްތަށިގަނޑެއް!
ގިނަސް ވޯލްޑް ރެކޯޑްސްއިން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ރޭނޫގެ އިސްތަށިގަނޑުގެ ދިގުމިނުގައި 271.50 ސެންޓީމީޓަރު (8 ފޫޓު 10 އިންޗި) ހުރެ އެވެ.
މިއީ ތާރީހުގައި ރެކޯޑު ކުރެވުނު އެންމެ އިސްކޮޅުން ދިގު އިންސާނާ ކަމަށްވާ ރޮބަޓް ވަޑްލޯގެ އިސްކޮޅަށްވުރެ އެންމެ ސެންޓީމީޓަރެއް ކުރު ދިގުމިނެކެވެ.
ރޭނޫ މި ރެކޯޑް ހާސިލުކުރީ ކުރިން މި ރެކޯޑް އޮތް ޔުކްރޭންގެ އަލީޔާ ނަސީރޯވާ ގެ 257.33 ސެންޓީމީޓަރުގެ ރެކޯޑް މުގުރާލުމަށްފަހު އެވެ.
އިސްތަށިގަނޑު ބަލަހައްޓާ ގޮތާއި ސިއްރު
ގާތްގަނޑަކަށް 9 ފޫޓުގެ ދިގު އިސްތަށިގަނޑެއް ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރޭނޫ ހާމަކުރި ގޮތުގައި އޭނާގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމުގެ އެންމެ ބޮޑު ސިއްރަކީ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމެވެ.
- ކެމިކަލްއާ ދުރުހެލިވުން: އަގުބޮޑު ކެމިކަލް އުފެއްދުންތަކުގެ ބަދަލުގައި އޭނާ ބޭނުން ކުރަނީ ގޭގައި އަމިއްލައަށް ތައްޔާރުކުރާ ތެލާއި ޝޭމްޕޫ އެކެވެ.
- ކެތްތެރިކަން: އިސްތަށިގަނޑު ދޮވެ، ގޮށް ފިލުވައި ބޯ އޮމާން ކުރަން ގިނަ ގަޑިއިރުތަކެއް ހޭދަވާ ކަމަށް އޭނާ ބުންޏެވެ.
- ހިއްސާ ކުރުން: ރޭނޫގެ އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ގުދުރަތީ ގޮތުން އިސްތަށިގަނޑު ބަލަހައްޓާނެ ގޮތްތަކާއި އަމިއްލައަށް ތެޔޮ ތައްޔާރު ކުރާނެ ގޮތް އާންމުންނަށް ކިޔައިދެ އެވެ.
ސަގާފީ ފަހުރާއި ދުނިޔޭގެ ސަމާލުކަން
"އިންޑިއާގެ ސަގާފަތުގައި ދިގު އިސްތަށިގަނޑަކީ އަންހެނުންގެ އިންތިހާ ރީތިކަމާއި ސަގާފަތުގެ ރަމްޒެއް. 2015 ވަނަ އަހަރުން ފެށިގެން އިސްތަށިގަނޑު ދިގު ކުރަން ފެށީ އެ ސަގާފީ ފަހުރު ދެމެހެއްޓުމަށް،" ރޭނޫ ބުންޏެވެ.
އޭނާ ބޭރަށް ނުކުންނަ އިރު ނުވަތަ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާއްމު ކުރުމުން ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ލިބޭކަން ފާހަގަކު ރަމުން ރޭނޫ ބުނީ، ސާބިތުކަމާއެކު މަސައްކަތްކޮށް، އަމިއްލަ ގުދުރަތީ ރީތިކަމާއި ސަގާފަތާ ގުޅުން ބަހައްޓައިގެން ކޮންމެ ބޮޑު ކާމިޔާބީއެއްވެސް ހާސިލު ކުރެވިދާނެ ކަމުގެ މެސެޖު ދުނިޔެއަށް ދޭން ބޭނުންވާ ކަމަށެވެ.
މުޅިން އާ ގޭމް ޝޯއަކާއެކު އަނިލް އެނބުރި ޓީވީ ސްކްރީނަށް!
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ