ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ އެވެ.
ވަކިން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، އެ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފަ އެވެ. ހެނދުނު 8:15 އިން މެންދުރު 2:00 އަށް ނެރުނު މި ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ އެވެ. ވައިޖެހޭނެ ކަމަށް ބެލެވެނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ އެވެ. އަދި ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެ އެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށްވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފަ އެވެ.
ޔަމަނުގެ ހޫތީން ސައުދީގެ ތެޔޮ ރިފައިނަރީއަކަށް ހަމަލާދީފި
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ