ގދ. ތިނަދޫ ސިޓީ ކައުންސިލުން ބާއްވާ ޖަލްސާއެއްގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންނަ ހަފްތާގައި އެ ރަށަށް ވަޑައިގަތުމަށް ނިންމައިފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އެ ރަށުގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ޖަލްސާއެކެވެ.
ތިނަދޫ މޭޔަރު ސައުދު އަލީ ދައުރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ޖަލްސާގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ދެ ރައީސުންނަށް އަރުވާފައިވާ ދައުވަތު އެ ބޭފުޅުން ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަދި ތާވަލުކުރެވިފައިވާ ގޮތުން، ޖަލްސާގެ އެއް ދުވަސް ކުރިން، މި މަހުގެ 21 ވަނަ ދުވަހު ދެ ބޭފުޅުން ވެސް ތިނަދުއަށް ވަޑައިގަންނަވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ރައީސް ޔާމީން ދައުވަތު ގަބޫލުކުރެއްވިކަން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާއިރު، އެ ރަށަށް މީހުން އާބާދުވިތާ 50 އަހަރު ފުރުނު މުނާސަބާތުގައި 2016 ވަނަ އަހަރު ބޭއްވި އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ވެސް އެމަނިކުފާނު ވަނީ ތިނަދުއަށް ވަޑައިގެންފަ އެވެ.
އިޒްރޭލް ސިފައިން ޣައްޒާއިން ފައިބަން ދެކޮޅު ހަދައިފި
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
އީ-ސްޕޯޓްސް މުބާރާތުގެ ކޮލިފަޔާ ރެޖިސްޓްރޭޝަން ހުޅުވާލައިފި