ކޮލަމްބިއާއަށް އައި 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި 111 މީހުން މަރުވެ، އެތައް ސަތޭކަ މީހުންނެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިއީ މި ގަރުނުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އޮފިޝަލުން ސިފަކުރައްވަ އެވެ.
ހޯމަ ދުވަހު އައި މި ބިންހެލުމުގެ ސަބަބުން ކޮލަމްބިއާގެ ހުޅަނގުގެ ސިޓީތައް ކަމަށްވާ ކާލީ، ޕެރޭރާ، ކިބްޑޯ އަދި މަނިޒާލެސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަވަށްޓެރި އިކުއެޑޯ އަދި ޕެނަމާއަށް ވެސް މި ބިންހެލުމުގެ އަސަރު ވަނީ ކޮށްފަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި މި ބިންހެލުމުގެ މަރުކަޒަކީ ވެރިރަށް ބޮގޮޓާގެ ހުޅަނގުން ގާތްގަނޑަކަށް 400 ކިލޯމީޓަރު (250 މޭލު) ދުރުގައި އޮންނަ ޗޮކޯ ސަރަހައްދުގެ ސަން ހޯސޭ ޑެލް ޕަލްމާރެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 107 ކިލޯމީޓަރު (66 މޭލު) އަޑީންނެވެ.
ބިންހެލުމަށްފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި 21 އާފްޓަޝޮކް (ލޮޅުން) އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮލަމްބިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކާލީގައި، ސަލާމަތްކުރާ ފަރާތްތަކާއި އާންމުން ގުޅިގެން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސިޓީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މަދުވެގެން 20 އިމާރާތެއް މުޅިން ބިމާ ހަމަވެފައިވާއިރު، 380 އިމާރާތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. މީގެ ސަބަބުން ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން
މި ބިންހެލުން އައިސްފައި ވަނީ އެ ގައުމުގެ އާ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއެލާ މަގާމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ރައީސް ވަނީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށުމަށް އަމުރުކުރައްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 111 މީހުން މަރުވެ، 87 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. މީގެ އިތުރުން ރިސަރަލްޑާ ސަރަހައްދުން އެކަނި ވެސް 40 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބިންހެލުމުގެ މަރުކަޒާ ގާތުގައި އޮތް ޗޮކޯ ސަރަހައްދުގެ މުވާސަލާތީ ހިދުމަތްތައް ކެނޑިފައިވުމުގެ ސަބަބުން، އެ ސަރަހައްދުގެ މައުލޫމާތު ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ސަރަހައްދުގެ ގަވަރުނަރު ނޫބިއާ ކެރޮލީނާ ކޮރްޑޯބާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުން 12 މީހަކު މަރުވެ 84 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އެތައް ސަތޭކަ މީހުންނެއް ގެއްލިފައި
ހޯމަ ދުވަހުގެ މެންދުރު ފަހު، ގެއްލިފައިވާ މީހުންގެ މައުލޫމާތު އެއްކުރާ ޑޭޓާބޭސްތަކަށް ލިބެމުންދާ ރިޕޯޓުތައް އިތުރުވަމުންދާއިރު، އެއް ޑޭޓާބޭސްއެއްގައި އެކަނިވެސް 1،400 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ބިންހެލުމާ ގުޅިގެން ކޮލަމްބިއާގެ ހުޅަނގުގެ ބައެއް އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފަ އެވެ.
ކޮލަމްބިއާ އަކީ ބިންހެލުންތައް އާންމުކޮށް އަންނަ "ޕެސިފިކް ރިންގް އޮފް ފަޔާ" ސަރަހައްދުގައި އޮންނަ ގައުމެއް ނަމަވެސް، 6.0 މެގްނިޓިއުޑަށްވުރެ ބާރުގަދަ ބިންހެލުންތަކަކީ އެ ގައުމުގައި މަދުން ނޫނީ ނާންނަ ބާރުގަދަ ބިންހެލުންތަކެކެވެ. މީގެ ކުރިން 1999 ވަނަ އަހަރު އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 1،100 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ބައިނަލްއަގުވާމީ އެހީތެރިކަން
ކޮލަމްބިއާއަށް ދިމާވި މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެމެރިކާއިން ވަނީ 15.5 މިލިއަން ޑޮލަރުގެ ކުއްލި އެހީ ދިނުމަށް ނިންމާފަ އެވެ. މީގެ އިތުރުން އެލް ސަލްވަޑޯ، މެކްސިކޯ، ޗިލީ، އިޒްރޭލް، އިކުއެޑޯ އަދި ފްރާންސުން ވެސް ވަނީ ކޮލަމްބިއާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފަ އެވެ.
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި
ގޯވިންދާއާއި ޑޭވިޑް އެކުގައި މަސައްކަތް ކުރުން ހުއްޓާލި ސަބަބު!
