މާބަނޑު ދުވަސްވަރާއި ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރުގެ ތެރޭގައި ކާން ދޭ ތަކެތީގައި ހަކުރުގެ މިންވަރު މަދު ކުރުމަކީ، އޭގެ ދިހަ ވަރަކަށް އަހަރު ފަހުން ވެސް ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައި، ސިކުނޑީގެ ނާރުތަކާ ގުޅުންހުރި ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެއްކަން ސައިންސްގެ ދިރާސާއަކުން ދައްކައިފި އެވެ.
އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ އެޕޯލޯ ހޮސްޕިޓަލްގެ މަޝްހޫރު ނިއުރޮލޮޖިސްޓް ޑރ. ސުދީރު ކުމާރު ވަނީ "ނޭޗާ ޕާޓްނާ ޖާނަލްސް"ގައި ޝާއިއު ކޮށްފައިވާ ދިރާސާއަކަށް އަލިއަޅުވާލައްވައި މިކަން ހާމަ ކުރައްވާފަ އެވެ.
މި ދިރާސާގައި ބަލާފައި ވަނީ މައިމީހާގެ ރަހިމުގައި ކުއްޖާ އުފެދުނީއް ސުރެ އުމުރުން ތިން އަހަރު ވަންދެން (ފުރަތަމަ 1,000 ދުވަސް) ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމުން، މުޅި އުމުރަށް ސިކުނޑީގެ ސިއްހަތަށް ކުރާ ފައިދާތަކަށެވެ.
ޑރ. ސުދީރު ފާހަގަ ކުރެއްވި ގޮތުގައި، ކުޑައިރު ހަކުރު މަދުން ބޭނުން ކޮށްފައިވާ މީހުންގެ ސިކުނޑީގެ އެމްއާރުއައި ސްކޭންތަކުން ދައްކާ ގޮތުގައި، އެ މީހުންގެ ސިކުނޑި ޒުވާންކަން މަތީގައި ދެމެހެއްޓުމަށާއި ސިކުނޑި މުސްކުޅިވުން ލަސް ކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރި ވެއެވެ.
އެއާއެކު އުމުރުން ދުވަސްވާ ވަރަކަށް ޖެހޭ ހަނދާން ނެތޭ ބަލިތަކާއި ނަފްސާނީ އެހެނިހެން މައްސަލަތަކުން ވެސް މީހާ ރައްކާތެރި ކޮށްދެ އެވެ.
މާބަނޑު ދުވަސްވަރު މައިމީހާ ބޭނުންކުރާ ކާނާއަށް އިތުރަށް އަޅާ ހަކުރު މަދު ކުރުމާއި، ކުޑަކުދިންނަށް ދޭ ކާނާގައި ހަކުރު ނުހިމެނުމަކީ ކުރިއަށް އޮތް 50 ވަރަކަށް އަހަރުގެ ތެރޭގައި އެމީހެއްގެ ވިސްނުމުގެ ގާބިލުކަމާއި ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމުގައި ބުނެވިދާނެ އެވެ.
އެހެން ކަމުން މާބަނޑު ދުވަސްވަރާއި ކުޑަކުދިންގެ ފުރަތަމަ 1,000 ދުވަހަކީ ކުއްޖާގެ މުޅި އުމުރުގެ ނާރުތަކާއި ސިކުނޑީގެ ބިންގާ އެޅޭ ދުވަސްވަރު ކަމަށްވާތީ، އެ ދުވަސްވަރު ހަކުރު ބޭނުން ކުރުމުން ދުރުހެލިވުމަށް ޑރ. ސުދީރު ކުމާރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އުއްމީދު ކުރި ވަރުގެ ކުރިއެރުމެއް ނުލިބުނު: ސަންޖޭ
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓަ ކުރުމުގެ ފުރުސަތު