ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ އަސްލާ އެއްގޮތް ނަކަލެއް (ފޭކް) އަމިއްލަ ފަރާތަކުން ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިންޒާރު ދީފި އެވެ.
އެ އޮތޯރިޓީން ނެރުނު ސަމާލުކަމުގެ އެލާޓެއްގައި ބުނެފައިވަނީ، ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާފައިވާ "ނިވޮލުމަބް" އިންޖެކްޝަންގެ ބެޗު ނަމްބަރު 8081399 ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މި ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ކަނޑައަޅާފަ އެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި އިންޖެކްޝަން ރާއްޖެ އެތެރެކޮށްފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް، މިހާތަނަށް ބެލިބެލުމުން ރާއްޖޭގެ އެއްވެސް ފާމަސީއެއްގައި މި އިންޖެކްޝަން ވިއްކަން ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކެންސަރު ބޭހުގެ ނަކަލުތަކެއް ރާއްޖެއިން ފެނިފައި މިވަނީ، ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއާއި މެކްސިކޯއިން ފެނިގެން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ދާދި ފަހުން އިލްތިމާސްކޮށްފައި ވަނިކޮށެވެ.
ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓްގައި ބުނެފައިވާ ގޮތުގައި، މިފަދަ ފޭކް ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އެރުމުގެ ފުރުސަތު އެބައޮތެވެ. އަދި ބައެއް ހޮސްޕިޓަލްތަކަށް މި ބޭސް ލިބިފައިވުމަކީ ބައިނަލްއަގްވާމީ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
މަޖިލީހުގެ މި ދައުރު ވެސް ދަންމާލަނީ
ވިހެއުމަށްފަހު ތުއްތު ދަރިފުޅު ދައުލަތަށް ނެގި މައްސަލަ ބަލަނީ