ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރުމަށް ކުރިން ނިންމި އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބް އަހުމަދު އެ މަގާމަށް އައްޔަން ނުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ސިވިލް ކޯޓަށް ތިން ގާޒީއަކު އައްޔަންކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުވާލުމުން ކުރިމަތިލެއްވި 42 ބޭފުޅުންގެ ތެރެއިން ރާގިބް އައްޔަންކުރުމަށް ކުރިން ނިންމި ނިންމުން ބަދަލުކުރީ އޭނާއާ މެދު ކުރިން ހުށަހެޅިފައިވާ ސުލޫކީ މައްސަލަތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި މިގޮތަށް ނިންމުމާ ގުޅިގެން، މާދަމާ އޮންނަ ގާޒީން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހުވާކުރައްވާނީ ދެން ތިއްބެވި ދެ ބޭފުޅުން އެކަންޏެވެ. ރާގިބުގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފަހުން ކުރިއަށްގެންދިއުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގައި ހުންނަވަނިކޮށް ރާގިބް ފަނޑިޔާރުކަމުން ވަކިކުރަން 2019 ވަނަ އަހަރު ނިންމީ އޭނާގެ މައްޗަށް ހުށަހެޅުނު ސީރިއަސް ސުލޫކީ މައްސަލަތަކެއް ސާބިތުވުމާ ގުޅިގެންނެވެ.

އޭރު ސާބިތުވި މައްސަލަތަކުގެ ތެރޭގައި ކޯޓުގެ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރައާއި ގޯނާކުރުމާއި، ތުލުސްދޫއާއި ދިއްފުށީ ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ޝަރުއީ ލިޔެކިއުންތަކަށް ބަދަލުގެނައުން ހިމެނެ އެވެ.

މީގެއިތުރުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާ ގާތް ގުޅުން ބޭއްވުމާއި، މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ސިޔާސީ ފަރާތްތަކަށް ތާއީދު ހޯދަން އަމަލީގޮތުން މަސައްކަތްކުރިކަން ސާބިތުވި އެވެ.

އޭރު ކޮމިޝަނުން އޭނާ މަގާމުން ވަކިކުރަން ނިންމުމުން ރާގިބް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ އަދި ގާނޫނީ މަސައްކަތްތަކުގައި އުޅުއްވުމަށްފަހު، މި ސަރުކާރުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަންކުރެއްވި ނަމަވެސް، ދައުލަތާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމުން ވަނީ އެ މަގާމުން ވަކިކުރައްވާފަ އެވެ.