ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު އިތުރުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން ރަސްމީކޮށް ދިވެހިރާއްޖޭގެ ކިބައިން އެދިއްޖެ އެވެ.

މިކަމަށް އެދިފައި ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު، ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ތޭޖްގާއޯންގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ އިގުތިސާދުގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އިތުރު ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް ހުމާޔޫން ކަބީރު ބާރުއެޅުއްވި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނެ ބިދޭސީންގެ އަދަދު ސީލްކޮށްފައި ވާއިރު، މިހާރު ވެސް ރާއްޖޭގައި އެ ގައުމުގެ އެއް ލައްކައެއްހާ މީހުން އުޅެ އެވެ. އެ އަދަދު އިތުރުވެފައިވާތީ ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ އާންމު މަސައްކަތްތެރިންނަށް އާ ވިސާ ދޫކުރުން ހަރުކަށި ކޮށްފަ އެވެ. ނަމަވެސް ބަންގްލަދޭޝް ސަރުކާރުން ދަނީ މި ކޯޓާ އިތުރުކޮށްދީ، ޑިޕްލޮމެޓިކް ފެންވަރުގައި މަޝްވަރާކޮށްގެން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ އިމާރާތްކުރުމާއި އާންމު ހިދުމަތްތަކުގެ ދާއިރާގައި އެ މީހުންގެ ހިއްސާ ބޮޑުކަން ފާހަގަކޮށް، ގަވާއިދާ އެއްގޮތަށް ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ދެ ގައުމުން ވެސް ބޭނުންވެ އެވެ.

މީގެއިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އިދާރާތަކުން ފިޔަވަޅުތައް އަޅަމުން ދާއިރު، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކަމާބެހޭ ވުޒާރާތަކުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.