އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބަންދު (ނޭވަލް ބްލޮކޭޑް) މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
މީގެ އިތުރުން، އީރާނުގެ އިގްތިސާދަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވާނެ ކަމުގެ އިންޒާރު ވެސް އެމެރިކާއިން ވަނީ ދީފަ އެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މި ބަންދު ދަމަހައްޓާނެ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
"އެމެރިކާގެ ކަނޑުގެ ސިފައިންނަށް މިފަދަ ބަންދެއް މުއްދަތެއް ނެތް ގޮތަށް ދެމެހެއްޓިދާނެ. އެއީ ކުރިން ވެސް ކުރަމުން އައި ގޮތަށް، އުޅަނދުފަހަރު ބަދަލުކުރަމުން މި މަސައްކަތް ކުރިއަށް ގެންދެވޭނެތީ،" ޕެނަމާއަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ އީރާނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުމަށް އެމެރިކާއިން ރާވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ގައުމެއް އިގްތިސާދީ ގޮތުން އެކަހެރި ކުރުމުގެ ތާރީހުގައި މިހާތަނަށް ނުދެކޭ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަންނަ ހަފުތާގައި އިއުލާނު ކުރެވޭނެ އެވެ.
މި ނުތަނަވަސްކަން އިތުރުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް ޖޫން މަހު އެއްބަސްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ދަނީ ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލްކޮށް، އެމެރިކާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ ތެލާއި ގަސްކާނާ އަދި ގޭހުގެ ބޮޑު ބައެއް އުފުލާ މި ކަނޑުއޮޅިން ދަތުރުކުރި ބައެއް އުޅަނދުތަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން، ޔޫއޭއީގެ ދައުލަތުގެ ތެޔޮ ކުންފުނި (އެޑްނޮކް)ގެ ދެ އުޅަނދަކަށް ދިން ހަމަލާ ޔޫއޭއީ ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ މި ހަނގުރާމަ ހުއްޓާލުމަށް ގައުމުގެ އެތެރޭގެ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. ވަކިން ހާއްސަކޮށް، ތެލުގެ އަގު އުފުލުމުގެ ސަބަބުން އޭނާގެ މަގުބޫލުކަން ދަށަށް ގޮސް، ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސްގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮތް ކަމަށެވެ. ނަމަވެސް އީރާނުން ބުނަނީ އެ މީހުންގެ ޝަރުތުތައް ފުރިހަމަ ނުވަނީސް، އޭގެ ތެރޭގައި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުން ހިމެނޭ ގޮތަށް، އެ ސަރަހައްދު ހުޅުވާނުލާނެ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ލަފާކުރާ ގޮތުގައި މިއަހަރު ދުނިޔޭގެ ތެލުގެ ސަޕްލައި ވަރަށް ބޮޑަށް ދަށަށް ދާނެ އެވެ. އަދި އިގްތިސާދީ މާހިރުން އިންޒާރު ދެނީ ހަނގުރާމަ އަވަހަށް ނުހުއްޓިއްޖެނަމަ، ދުނިޔޭގެ ކުރިއެރުން މަޑުޖެހި، ބައެއް ސަރަހައްދުތަކަށް އިގްތިސާދީ ހީނަރުކަން ކުރިމަތިވެދާނެ ކަމަށެވެ.
އޭޕްރީލް މަހު ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކުރި ކުރުމަކީ ގޯހެއްތޯ ސުވާލުކުރުމުން، ހެގްސެތު އެކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމެރިކާއިން ކުރަމުންދާނެ ކަމަށެވެ.
ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މަސައްކަތް ހަލުވިވާނެ
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
