މިއަދުގެ ދުނިޔޭގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ހަމައެކަނި ތަޢުލީމީ ގޮތުން މޮޅުވުމަކުން ނުފުދެ އެވެ. ތިމާގެ އިހުސާސްތައް ދެނެގަނެ، އެހެން މީހުންނާ އޮންނަ ގުޅުންތައް ބެލެހެއްޓުމުގައި "އިމޯޝަނަލް އިންޓެލިޖެންސް" ނުވަތަ ނަފްސާނީ ތޫނުފިލިކަން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިމޯޝަނަލް އިންޓެލިޖެންސް ވަރުގަދަ ވުމުން، ތިމާ އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ލިބި، އެހެން މީހުންގެ ނުފޫޒުން ސަލާމަތް ވުމަށް މަގުފަހިވެ އެވެ.

އެހެން މީހުންނަށް ތިމާ ކޮންޓްރޯލް ނުކުރެވޭނެ ފަދަ ތޫނުފިލި އަދި ބާރުވެރި މީހަކަށް ވުމަށްޓަކައި އިމޯޝަނަލް އިންޓެލިޖެންސް ބިނާކު ރާނެ 7 ފިޔަވަޅަކަށް ބަލާލާނަމެވެ.

1. ތިމާއަށް އަސަރުކުރާ ކަންކަން ދުރާލާ ދެނެގަތުން

ތިމާގެ ނަފްސާ މެދު ތެދުވެރިވާށެވެ. ތިމާއަށް އެންމެ އަވަހަށް އަސަރު ކުރަނީ ނުވަތަ ރުޅިއަންނަނީ ކޮން ކަހަލަ ވާހަކައަކުން ކަން ދެނެގަންނާށެވެ. ބައެއް މީހުންގެ ބަސްތަކުން ނުވަތަ އަމަލުތަކުން ތިމާ ދެރަވާއިރު، އެހެންވަނީ ކީއްވެގެންކަން ނޯޓު ކުރާށެވެ. މިފަދަ "ޓްރިގާ" ތައް އެނގުމުން، އެހެން މީހުން އެކަންކަމުގެ ފައިދާ ނަގައިގެން ތިމާ މެނިޕިއުލޭޓް ކުރުމަށް ފުރުސަތެއް ނުލިބޭނެ އެވެ.

2. މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން 24 ގަޑިއިރު ނެގުން

ޖަޒުބާތީ ގޮތުން ބޮޑު ކަމަކާ ކުރިމަތިވާއިރު، ނުވަތަ މީހަކު ކަމަކަށް ޕްރެޝަރު ކުރާއިރު، ރަނގަޅަށް ވިސްނުމަކީ އުނދަގޫ ކަމެކެވެ. އެހެން ކަމުން މުހިންމު ނިންމުންތައް ވަގުތުން ނިންމުމުގެ ބަދަލުގައި، "މާދަމާ މިކަމާ ގުޅޭގޮތުން ޖަވާބެއް ދޭނަން" ކަމަށް ބުނެ ވަގުތު ހޯދާށެވެ. މިއީ ސިކުނޑި ހަމަޖައްސާލައިގެން ރަނގަޅު ނިންމުމެއް ނިންމުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.

3. ހަށިގަނޑުން ދޭ އިންޒާރުގެ ސިގުނަލްތަކަށް ސަމާލުވުން

އެހެން މީހުން ތިމާ ކޮންޓްރޯލް ކުރަން އުޅޭކަން އަބަދު ބަހުން ނުވަތަ އަމަލަކުން ފާޅުކޮށެއް ނުފެންނާނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މޭ ނުބައިކުރުން، ބަނޑުގައި ރިއްސުން، ނުވަތަ ނޭވާ ހާސްވުން ފަދަ ކަންކަމަކީ ހަށިގަނޑުން ދޭ އިންޒާރަކަށް ވެދާނެ އެވެ. އެހެންކަމުން މިއީ ކީއްވެގެން ވާ ގޮތެއްތޯ ވިސްނާލައި، ހާލަތު ވަޒަން ކުރަން ވަގުތުކޮޅެއް ހޯދާށެވެ.

4. އަމިއްލަ އިހުސާސްތަކާއި އެހެން މީހުންގެ ޕްރެޝަރު ވަކިކުރުން

އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ކޮންމެ ފަހަރަކު، އެއީ ހަގީގަތުގައި ވެސް ތިމާއަށް ކުރެވުނު ގޯސް ކަމަކުން ވާކަމެއްތޯ، ނުވަތަ އެހެން މީހެއްގެ ބޭނުމެއް ފުއްދައި ނުދެވުމުން ވާކަމެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ. އެހެން މީހެއްގެ މޫޑު ގޯސްވުމަކީ ކޮންމެހެން ތިމާގެ މައްސަލައަކަށް ނުވެދާނެ އެވެ. މިކަންކަން ވަކިކުރަން އެނގުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ވުމަށް މުހިންމު ކަމެކެވެ.

5. ހިޔާލު ތަފާތުވުންތަކުގައި އަމިއްލަ ވިސްނުމުގައި ސާބިތުވެ ހުރުން

ކަމަކާ މެދު އެހެން މީހަކާ ހިޔާލު ތަފާތު ވާއިރު، މައްސަލަ ހައްލުކުރުމަށްޓަކައި އަބަދު ތިމާގެ އަމިއްލަ ވިސްނުން ދޫކޮށްލާކަށް ނުޖެހޭނެ އެވެ. އަނެކާގެ ވާހަކަ އަޑު އެހުމާއެކު، އަމިއްލަ ގޮތްމަތީގައި ސާބިތުވެ ހުރުމަކީ މައްސަލައެއް ނޫނެވެ. އެހެން މީހަކު ރުއްސުމަށްޓަކައި ތިމާގެ އަމިއްލަ ވިސްނުން ބަދަލު ކުރަން ނުޖެހޭނެކަން ގަބޫލު ކުރާށެވެ.

6. ވަކި ބަޔަކާއެކު އުޅޭއިރު ތިމާގެ މިޒާޖަށް އަންނަ ބަދަލުތައް ބެލުން

ތިމާގެ ގުޅުންތަކާ މެދު ވިސްނާލާށެވެ. ވަކި މީހެއްގެ ގާތުގައި ހުންނައިރު ތިމާއަކީ ބަލިކަށި، ހާސްވާ ނުވަތަ އަބަދު އެމީހަކު ރުއްސަން އުޅޭ މީހަކަށް ވޭތޯ ބަލާށެވެ. މިފަދަ މީހުންނަކީ ތިމާގެ ޖަޒުބާތުތަކާ ކުޅެ، ނާޖާއިޒު ފައިދާ ނަގާ މީހުންކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

7. އެހެން މީހުންގެ ރުހުމަށް ބަރޯސާނުވާ ޝަހުސިއްޔަތެއް ބިނާ ކުރުން

މިއީ ފަހަރެއްގައި އެންމެ އުނދަގޫ ފިޔަވަޅަށް ވެދާނެ އެވެ. ތިމާއަކީ ކާކުކަން ކަނޑައެޅުމުގައި ވަކި މީހެއްގެ ރުހުން މުހިއްމު ވާނަމަ، އެމީހަކަށް ތިމާގެ މައްޗަށް ބާރު ފޯރުވުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެންކަމުން އެކަނި ވަގުތު ހޭދަކޮށް، ތިމާ ގަބޫލުކުރާ އުސޫލުތައް ދެނެގަންނާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭ ވަރަކަށް، އެހެން މީހުންގެ ނުފޫޒުން ސަލާމަތްވުން ފަސޭހަވާނެ އެވެ.