ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޯތާ ކިތަންމެ ދުވަހެއް ވެފައިވީ ނަމަވެސް، އެކަން ގިނަ ފަހަރަށް މީހުންކަށް ނޭނގެ އެވެ. ނަމަވެސް، ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ފެނަކީ ކޮންމެހެން ބޭނުންވާ މާއްދާ އެކެވެ.
މަޝްހޫރު ނިއުޓްރިޝަން އަދި ހޮލިސްޓިކް ވެލްނެސް ކޯޗެއް ކަމަށްވާ އިޝާންކާ ވާހީ ވަނީ، ހަށިގަނޑަށް ފެން މަދު ވަމުންދާކަން ނުވަތަ ޑީހައިޑްރޭޓް ވަމުން ދާކަން އަންގައިދޭ ބައެއް މުހިންމު ނިޝާންތައް ހާމަކޮށްދީފަ އެވެ.
1. އަނގަ ހިކުމާއި ކަރުހިއްކުން ނުފިލުން
ފެން މަދުވުމުގެ އެންމެ ފުރަތަމަ އަދި އެންމެ އާންމު އެއް ނިޝާނަކީ އަނގަ ހިއްކުމާއި އަބަދުވެސް ފެން ބޯން ބޭނުން ވުމެވެ. ކަރު ހިއްކުމުގެ އިހުސާސް ކުރެވުމުގެ ކުރިންވެސް އަނގަ ހިއްކާ ގޮތް ވުމަކީ ހަށިގަނޑަށް ފެން ބޭނުން ވެފައިވާކަމުގެ ސާފު ހެއްކެކެވެ. އެހެންކަމުން ކަރުހިއްކަން ފެށުމުގެ އިންތިޒާރުގައި ނުހުރެ، ދުވަހުގެ ތެރޭގައި ގަވާއިދުން ފެން ބޯން އާދަ ކުރަން ޖެހެ އެވެ.
2. ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން
ކުޑަކަމުދާ ތަކެތީގެ ކުލައިން ހަށިގަނޑުގެ ހައިޑްރޭޝަން ވަރަށް ރަނގަޅަށް ދެނެގަނެވިދާނެ އެވެ. އިޝާންކާ ފާހަގަކުރާ ގޮތުގައި، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަ ރީނދޫ ކުލައަކަށް ނުވަތަ ކިލަނބު ކުލައަކަށް ބަދަލު ވެފައިވާނަމަ، އެއީ ހަށިގަނޑަށް އިތުރަށް ފެން ބޭނުންވާ ކަމުގެ ނިޝާނެކެވެ. ހަށިގަނޑުގައި ފެން ގިނަވާ ވަރަކަށް ކުޑަކަމުދާ ތަކެތީގެ ކުލަ ހުންނާނީ މަޑު ރީނދޫ ކުލައެއްގަ އެވެ.
3. ހަންގަނޑު ހިކުން
ހަށިގަނޑަށް ފެން މަދުވުމުގެ ސަބަބުން ހަންގަނޑަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. ހަންގަނޑު ހިކުމާއި، ތުންފަތް ފަޅައިގެން ދިއުމަކީ އާންމުކޮށް ފެންނަ އަލާމާތްތަކެވެ. މޮއިސްޗަރައިޒާ ބޭނުން ކުރުމުގެ އިތުރުން، ހަށިގަނޑުގެ އެތެރެއިން ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެކަށީގެންވާ ވަރަށް ފެން ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
4. ބޯ އަނބުރާ ބޮލުގައި ރިއްސުން
ހަށިގަނޑުގައި ފެން މަދުވުމުން ލޭގެ ވޮލިއުމް ދަށްވެ، ސިކުނޑިއަށް ލިބޭ އޮކްސިޖަނާއި ކާނާގެ މިންވަރު މަދުވެ އެވެ. މިއީ ބޮލުގައި ރިއްސުމާއި، މައިގްރެއިން އަދި ބޯއަނބުރާގޮތް މެދުވެރިވާ ސަބަބެކެވެ. ހާއްސަކޮށް ކަސްރަތުކުރާ ވަގުތުތަކުގައި ނުވަތަ އަވީގައި އުޅޭއިރު ބޮލުގައި ރިއްސާނަމަ، އެއީ ފެން މަދުވުމުން ވާ ކަމަކަށް ވެދާނެ އެވެ.
5. ބަނޑު ހިކުން
ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް ފެނަކީ ކޮންމެހެން ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގައި ފެން މަދުވުމުން، ކޮލަން އިން ކުނި ބޭރު ކުރުމަށް ބޭނުންވާ ފެން ނަގައި، ބަނޑުހިކުމުގެ މައްސަލަ ކުރިމަތި ކުރުވަ އެވެ. އެކަށީގެންވާ ވަރަށް ފައިބަރާއި ފެން ބޭނުން ކުރުމުން މިފަދަ މައްސަލަތަކުން ސަލާމަތް ވެވިދާނެ އެވެ.
ސަވާހިލި އަލުން އައްޑޫ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް