ގައިގެ ހަންގަނޑުގައި ކުލަ ގަދަ، ކުދި ތިކިތަކެއް ފަދައިން އުފުލިފައިވާ ބިހިތަކެއް ވާނަމަ އެ މައްސަލައަށް ދެވިފައިވާ ނަމަކީ ސްޓްރޯބެރީ ސްކިން. މި މައްސަލަ އާންމުކޮށް ދިމާވަނީ ޝޭވް، ވެކްސް ނުވަތަ އިސްތަށި އުފުރުމުގެ ސަބަބުން އިސްތަށި ވަޅުގަނޑުގައި ޖަރާސީމު، ތެޔޮ، މަރުވެފައިވާ ހަން ނުވަތަ ކިލާ ޖަމާވުމުން. މި މައްސަލައަކީ ފުރާނައަށް ގެއްލުން ހުރި ކަމެއް ނޫން. އަދި އަމިއްލައަށް ފަރުވާ ކުރެވިދާނެ މައްސަލައެއް.

ސްޓްރޯބެރީ ސްކިން ނުވަތަ ސްޓްރޯބެރީ ހަމަކީ، ގައިގެ ހަންގަނޑުގައި ކުލަ ގަދަ، ކުދި ތިކިތަކެއް ފަދައިން އުފުލިފައިވާ ބިހިތަކެއް ހުރުމުން ދެވިފައިވާ ނަމެކެވެ. ބަލާބެލުމަށް ސްޓްރޯބެރީއެއްގެ ބޭރުގެ ފަށަލަ އާ ވައްތަރު ގޮތެއް ހުންނާނެ އެވެ. މިއީ ވަރަށް އާންމު މައްސަލައެކެވެ.

މި މައްސަލަ އާންމުކޮށް ދިމާވަނީ ޝޭވް، ވެކްސް ނުވަތަ އިސްތަށި އުފުރުމުގެ ސަބަބުން އިސްތަށި ވަޅުގަނޑުގައި ޖަރާސީމު، ތެޔޮ، މަރުވެފައިވާ ހަން ނުވަތަ ކިލާ ޖަމާވުމުންނެވެ. މިގޮތަށް އިސްތަށި ވަޅުގަނޑަށް ކިލާ ޖަމާވުމުން އެތަން އުފުލުމުން ތިކިޖެހިފައިވާ ހެން ފެންނަން ހުރެ އެވެ.

ޝޭވް ކުރުމާއި ވެކްސް ކުރުމާއި އަދި ގަޔަށް ބާރު ހެދުންލުމުގެ ސަބަބުން އިސްތަށި ވަޅުގަނޑު ދުޅަވުމަށް ދެވިފައިވާ ނަމަކީ "ފޮލިކިއުލައިޓިސް" އެވެ. މިއީ ސްޓްރޯބެރީ ހަންގަނޑެއް އުފެދުމަށް މެދުވެރިވާ ސަބަބެކެވެ.

ޑްރައި ސްކިން ނުވަތަ ހަނގަނޑު ހިކުމަކީ ވެސް ސްޓްރޯބެރީ ހަނގަނޑަކަށް މަގުފަހި ވެދާނެ ކަންކަމެވެ.

ސްޓްރޯބެރީ ހަންގަނޑެއް ހުރުމަކީ އޭގެ ޒާތުގައި ގެއްލުން ހުރި ކަމެއް ނޫނެވެ. ގިނަ ފަހަރަށް އެއްވެސް ފަރުވާއަކާ ނުލައި އަމިއްލައަށް ރަނގަޅު ވެސް ވެ އެވެ. އެހެން ނަމަވެސް ހަންގަޑުގެ އޮމާންކަމާއި ރީތިކަން ގެއްލުމުގެ ސަބަބުން ބައެއް މީހުންނަށް އެއީ ހިތް ނުތަނަވަސް ކުރުވާ ކަމެކެވެ.

ސްޓްރޯބެރީ ހަންގަނޑެއް ލިބިފައިވާ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި ހަންގަނޑު ހިކުނަ ނުދިނުމަށް މޮއިސްޗަރައިޒިން ކްރީމެއް ނުވަތަ ލޯޝަނެއް ބޭނުން ކުރުން ހިމެނެ އެވެ. މިސާލަކަށް ޖޮޖޯބާ ތެޔޮ، ގްލީސަރިން، ލެނޮލިން ނުވަތަ ޝިއާ ބަޓާ ބޭނުން ކުރެވިދާނެ އެވެ. އޭގެ ސަބަބުން ހަންގަނޑު ހިކުމުން ސަލާމަތް ކުރެވިދާނެ އެވެ. ލޯޝަނާއި ކްރީމް ހާކަން އެންމެ ރަނގަޅު ވަގުތަކީ ފެންވެރުމަށް ފަހު ހަންގަނޑު ތެތްކަން ހުއްޓަ އެވެ.

މިމައްސަލަ ދިމާވެފައިވާ ނަމަ، ހަންގަނޑު އުނގުޅާ ސާފު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސްޕޮންޖަކުން ނުވަތަ ފޮތިކޮޅަކުން ކޮންމެ ދުވަހަކު ވެސް ހަންގަނޑު އުނގުޅާ ސާފު ކުރުމުން މަރުވެފައިވާ ހަންތައް އިސްތަށި ވަޅަށް ޖަމާވުމުން ސަލާމަތް ވެ އެވެ.

މީގެ އިތުރުން ހަނގަނޑަށް ގެއްލުން ލިބިދާނެ ކަންކަމުން ސަލާމަތް ހުރުމަކީ ވެސް ސްޓްރޯބެރީ ހަންގަނޑުގެ މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން މީރު ވަސް އޭގައި އެކުލެވިގެން ނުވާ ބާރުގަދަ ނޫން ސައިބޯނި ނުވަތަ އެފަދަ އެއްޗެއް ބޭނުން ކުރުމުން ހަނގަޑު ހަލާކުވުމުން ސަލާމަތް ކޮށްދެ އެވެ. އަދި ހަންގަނޑު ހިއްކާލުމަށް ތުވާއްޔަކުން ގަދައަށް އުނގުޅުމުގެ ބަދަލުގައި މަޑުމަޑުން ހަންގަނޑުގައި ޖައްސާލައިގެން ފެން ހިއްކުން މުހިންމެވެ.

މާހޫނު ފެން ހަންގަނޑުގައި ޖެއްސުމުގެ ބަދަލުގައި ތާފަނާ ފެން ޖެއްސުން ވެސް މުހިންމެވެ. އެއްވެސް ވަރަކަށް ގައި ހިރުވާނަމަ ކެހުމުން މަނާވެގަތުމަށްޓަކައި ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ގޭގައި ދެވޭ ފަރުވާއިން ހައްލެއް ނުލިބި ސްޓްރޯބެރީ ހަމުގެ ސަބަބުން އުނދަގޫވާ ނަމަ އަބަދުވެސް ޑޮކްޓަރެއްގެ މަޝްވަރާ ހޯދައިގެ އެކަމަށް ހައްލު ގެނެވިދާނެ އެވެ.