ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތް ހެދުމަށްޓަކައި، "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ފުރިހަމައަށް ތަންފީޒުކުރުމެވެ. މިގޮތުން ޖީއެސްޓީ ނެގުމަށް ބިލުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- އޮފްޝޯ ބުކިން ޕްލެޓްފޯމްތައް
- ފޮރިން ޓުއާ އޮޕަރޭޓަރުން
- އޯވަސީސް ޓްރެވަލް އެޖެންޓުން
މި ފަރާތްތަކަކީ ރާއްޖޭގައި ގާއިމުވެ ތިބޭ ބައެއް ނޫން ކަމުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ޓެކްސް ދެއްކުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ، ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމުގެ ނިޒާމެއް އެކުލަވާލުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
މި އިސްލާހު ތަންފީޒުވާން ފެށުމުން، ބޭރުގެ ވިޔަފާރިތަކުން ދައުލަތަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ލިބޭނެ ކަމަށް އަންދާޒާކުރެވޭ 1.3 ބިލިއަން ރުފިޔާއާއި، އޯވަސީސް ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ ކަމަށް ލަފާކުރާ 299.3 މިލިއަން ރުފިޔާ އެވެ.
މި ނިޒާމު ތަންފީޒުކުރުމަށްޓަކައި މީރާއިން އެއްފަހަރާ ކުރަންޖެހޭ ހަރަދެއްގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންނާއި އިދާރީ ހިންގުމުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް، މި ހަރަދުތަކާ އަޅާބަލާއިރު ދައުލަތަށް ލިބޭ ޖީއެސްޓީގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނަށް ގެންނަ މި އިސްލާހުގެ ދަށުން ބޭރުގެ ފަރާތްތަކުން ޖީއެސްޓީ ނަގަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް
ވިއްސަކަށް އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރު މާހިރު ރިޓަޔާކުރަނީ
އިންޑޮނޭޝިއާގެ ސުމަތުރާއަށްވެސް އިތުރު ބާރުގަދަ ބިންހެލުމެއް