މިހާރު ކުރިއަށްދާ ޑިޒްނީގެ "ޑީ23"ފޭން އިވެންޓްގައި، މާވެލްގެ އާ "އެކްސް-މެން" ފިލްމުގެ ކާސްޓާއި، ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ފްރޯޒަން 3" އާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހާމަކޮށްފި އެވެ.

އެކްސް-މެން ފިލްމާ ގުޅޭގޮތުން، މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފީގޭ ވަނީ 2028 ވަނަ އަހަރުގެ މޭ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އާ ފިލްމުގެ ތަރިން އިއުލާން ކޮށްފަ އެވެ.

މިގޮތުން ޖީން ގްރޭގެ ރޯލުން ސޭޑީ ސިންކް، ސައިކްލޮޕްސްގެ ރޯލުން ކިޓް ކޮނާ، ޕްރޮފެސަރު އެކްސްގެ ރޯލުން ކްރިސްޓޮފާ އެބޮޓް، ރޯގްގެ ރޯލުން އިންޑޭ ނަވަރެޓޭ، ސްޓޯމްގެ ރޯލުން މާޔާ ބޮއިޑް އަދި މިސްޓަ ސިނިސްޓާ (ނެތަނިއަލް މިލްބަރީ)ގެ ރޯލުން އެޑަމް ޑްރައިވާ ފެނިގެންދާނެ އެވެ.

މީގެ އިތުރުން ޑިޒްނީން ވަނީ "ފްރޯޒަން 3" އާ ގުޅޭ އާ ތަފްސީލުތަކެއް ވެސް ހިއްސާ ކޮށްފަ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށާއި، ފިލްމުގެ ވާހަކަ ކުރިއަށްދާނީ އެނާ ކައިވެނި ކުރަން ތައްޔާރު ވަމުންދާ ދަނޑިވަޅަކުން ކަމަށް ބުނެފައިވެ އެވެ. އަދި މި ފިލްމުން އާ ވިލަންއެއް ފެނިގެންދާނެކަން ޓީޒާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އިވެންޓުގެ އެހެނިހެން މުހިންމު އިއުލާންތަކަށް ބަލާއިރު، އޮކްޓޯބަރު 14 ގައި ދައްކަން ފަށާ "ވިޝަންކުއެސްޓް" ސީރީޒްގައި ޕޯލް ބެޓަނީ އާއި އަލްޓްރޯންގެ ރޯލުން ޖޭމްސް ސްޕޭޑަ ފެނިގެންދާނެ އެވެ.

އެއާއެކު 2028 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "އިންކްރެޑިބަލްސް 3"ގައި ސުޕަހީރޯ އާއިލާގެ ކުދިން އާ ވިލަންއަކާ ކުރިމަތިލާއިރު، 2029 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނުކުންނަ "ކޯކޯ 2" ގައި މިގޭލް ފެނިގެންދާނީ ފުރާވަރު އުމުރުގަ އެވެ.

މި އިއުލާންތަކާއެކު ޑިޒްނީގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އެ އުފެއްދުންތަކަށް އިންތިޒާރެއް ވަނީ އުފެދިފަ އެވެ.