ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ކުޑަވަމުންދާތީ، އެމަނިކުފާނު ޕްރޮމޯޓުކުރުމުގެ މަސައްކަތަށް 100 މީހުންނަށް ވަޒީފާ ދީގެން ހާއްސަ ޓީމެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެކުލަވާލައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލައިގެން ނަގާފައިވާ މި މީހުންގެ ހަމައެކަނި މަސައްކަތަކީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް ސަނާކިޔައި، އެމަނިކުފާނުގެ ސިޔާސަތުތައް އިޝްތިހާރުކުރުމެވެ. މުސާރަ ދޭ ގޮތަށް ޕީއެންސީން ނަގާފައިވާ މި މީހުންގެ ތެރެއިން ކޮންމެ މީހަކަށް މަހަކު 12،000 ރުފިޔާ ލިބޭއިރު، މިއީ މަހެއްގެ މައްޗަށް ޖުމްލަ 1.2 މިލިއަން ރުފިޔާގެ ހަރަދެކެވެ.
މި މަސައްކަތް ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅުއްވަނީ ސަރުކާރުގެ އިސް ތަރުޖަމާނު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ. އަދި އޭނާއާއެކު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރުޒުލް ވެސް މި މަސައްކަތުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ކަމަށް ބާރުދޭ "ޕީއެންސީ ދާއިރާ ސޯޝަލް މީޑިއާ ޓީމް" ނަން ދީފައިވާ ވަޓްސްއެޕް ގްރޫޕް ޗެޓެއްގެ ސްކްރީންޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި، ޕީއެންސީއާ ނުގުޅި ތިބި މީހުން ޕާޓީއާ ގުޅުމަށާއި، މި ކަމުގެ ސިއްރު ހިފެހެއްޓުމަށް މުންދު ވަނީ އިރުޝާދު ދެއްވާފަ އެވެ.
މީގެއިތުރުން، އެ މީހުންނާ ހަވާލުކޮށްފައިވާ މަސައްކަތް ފެށުމުގެ ގޮތުން ހިނގަމުންދާ މަހުގެ ބާކީ އޮތް ބަޔަށްވާ މުސާރަ ޖަމާކޮށްދީ، ޖެހިގެން އަންނަ މަހުން ފެށިގެން މުސާރަ އެއްކޮށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް މުންދު ވަނީ ދެއްވާފަ އެވެ.
އިމްރާމް ހާން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރަން އަމުރުކޮށްފި
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
