ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އާންމު އުސޫލުން ބޭރުން ދަންވަރު ވަގުތެއްގައި ވަގުތީ އަމުރެއް ނެރުނު މައްސަލައާ ގުޅިގެން، އެ ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑްކޮށްފި އެވެ.
ގާޒީ އިހްސާން ސަސްޕެންޑް ކުރިކަން ކަށަވަރުކޮށްދެމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ، އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ވަކިގޮތެއް ކަނޑައަޅަންދެން އޭނާ މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުން ނިންމި ސީދާ ސަބަބު އެ ކޮމިޝަނުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އިހްސާން ސަސްޕެންޑްކުރީ، އާންމު އުސޫލުތަކާ ހިލާފަށް ދަންވަރުގެ ވަގުތެއްގައި އަމުރެއް ނެރުނު މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިގެން ބަލަމުން ދަނިކޮށެވެ. އެއީ ލެގޫންސް ސްޕޯޓްސް ކްލަބަށް ރައްދުވާ ގޮތަށް ދެ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު ވަގުތީ އަމުރެކެވެ.
އެ އަމުރުގެ ދަށުން އެ ކްލަބުގެ ބޭންކް އެކައުންޓްތައް ވެސް ވަނީ ހިފަހައްޓާފަ އެވެ. އެ މައްސަލައިގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ކިބައިން އަޑުއެހުމެއް ނެތި، ކަމާ ގުޅުން ނެތް ދާއިރާތަކެއްގެ މައްޗަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރުނު މައްސަލައިގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
މީގެ ކުރިން ވެސް ގާޒީ އިހްސާނާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ވަނީ އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފަ އެވެ. މީގެ އިތުރުން، ކްލަބު ލެގޫންސްގެ އިންތިހާބުގެ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތަލާލް ކޯޓުގެ ހުރުމަތް ކަނޑައިފިކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި އެ ކްލަބުގެ އާންމު މެމްބަރުންތަކެއް ވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ.
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2،000 ރުފިޔާގެ ފީއެއް
ޕެޓިޝަނުގައި މުވައްޒަފުން ސޮއިކުރަން މަޖުބޫރުކުރުވަނީ
