އީރާނާ ދެކޮޅަށް މިހާތަނަށް ގައުމަކާ މެދު ހިންގާ އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތައް އެމެރިކާއިން އަޅަން ފަށާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އަދި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެހީތެރިވާ ކޮންމެ ގައުމަކަށް މާލީ ގޮތުން ބޮޑެތި އަދަބުތަކެއް ދޭނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.
ޓްރަމްޕްގެ "ޓްރުތު ސޯޝަލް" ޕޯސްޓެއްގައި ވިދާޅުވީ، މިއީ މިހާތަނަށް ނުފެންނަ ފަދަ ވަރުގަދަ އިގްތިސާދީ ހަނގުރާމައަކަށް ވާނެ ކަމަށާއި، އީރާނު އެކަހެރި ކޮށްލާނެ ކަމަށެވެ.
"އެއްބަސްވުމަކަށް އައުމަށް އަހަންނަށް ވުރެ ބޮޑު ފުރުސަތެއް އީރާނަށް ދިން އެހެން މީހަކު ނެތް. ނަމަވެސް ހިތާމައަކީ، އެމީހުންނަށް އެ ފުރުސަތުގެ ބޭނުން ނުހިފުނުކަން،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިން އަދި އަސްކަރީ ސާމާނު އުފައްދާ މަރުކަޒުތައް ސުންނާފަތި ވެފައިވާ ކަމަށާއި، އެ ގައުމުގެ ފައިސާގެ އަގު ވަނީ މުޅިން ވެއްޓިފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާނުގެ ސަރުކާރު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް އެހީތެރިކަން ފޯރުކޮށްދޭ އެއްވެސް ގައުމެއްގެ މާލީ އިދާރާއެއް، ވިޔަފާރިއެއް، އެއާޕޯޓެއް ނުވަތަ ސަރުކާރުގެ މުއައްސަސާއަކަށް ވިޔަސް، އެ ފަރާތްތަކުން އޭގެ ބަދަލުގައި ވަރަށް ބޮޑެތި އިގްތިސާދީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ.
ވަގަށް ތެޔޮ ބޭރުކުރުމާއި، ފައިސާ ބަދަލުކުރުމުގެ ނިޒާމުތަކާއި، ނަގުދު ފައިސާ ފޮނުވުމާއި، މަނީ އެކްސްޗޭންޖްތަކާއި، އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ އިތުރުން ސިއްރުން ހިންގާ ކުންފުނިތައް ވަގުތުން ބަންދުކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ބާރުއަޅުއްވައި ވިދާޅުވި އެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ދުވަހަކު ވެސް ނުދެއްވާނެ ކަމަށް އެނާ ވިދާޅުވި އެވެ.
މި އިއުލާނަކީ "އޮޕަރޭޝަން އިކޮނޮމިކް ފިއުރީ"ގެ ދަށުން މިދިޔަ އޭޕްރީލް މަހުން ފެށިގެން ޓްރަމްޕްގެ ސަރުކާރުން ކުރިއަށްގެންދާ ފިއްތުންތަކުގެ ބައެކެވެ. މީގެ މައިގަނޑު މަގްސަދަކީ އީރާނުން ޓެރަރިޒަމަށް ފަންޑުކުރާ މަގުތައް ބަންދުކޮށް، އެ ގައުމަށް އާމްދަނީ ލިބޭ ވަސީލަތްތައް ހުއްޓުވުމެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، ކުރިން އެޅި ފިޔަވަޅުތަކުން އީރާނު ގަންބާނުލެވުމުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މިއީ މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް އޮތް ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ، އީރާނުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާއެކު ކުރާ ހުރިހާ ވިޔަފާރި މުއާމަލާތްތަކެއް ހުއްޓާލިތާ އެއްދުވަސް ފަހުންނެވެ.
ޔޫއޭއީން މި ފިޔަވަޅު އެޅީ އީރާނުން އެ ގައުމަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އީރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
