ސަރަހައްދީ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، ދެކުނު އޭޝިއާގެ ސަރަހައްދީ ވިޔަފާރި އަވަސްކުރުމަށާއި ކަސްޓަމްސް ކޮންޓްރޯލް ވަރުގަދަކުރުމުގެ މަގުސަދުގައި ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނޭޕާލް ސަރުކާރުން ތާރީހީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭގައި ބޭއްވުނު 14 ވަނަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ކަސްޓަމްސް ގްރޫޕް ބައްދަލުވުމުގެ ތެރޭގަ އެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ފޯ ސައުތު އޭޝިއާ، ޑރ. ޔުރެންދުރަ ބަސްނެޓް އެވެ.
އަލަށް އެކުލަވާލެވުނު މި އުސޫލުގެ ދަށުން، ސަސެކްގެ ބައިވެރިވާ ހަތަރު ގައުމުގެ ކަސްޓަމްސް އިދާރާތަކުގެ މެދުގައި، މުދާ އެތެރެކުރާ ބަނދަރަށް ފޮނުވުމުގެ ކުރިން މުދަލާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ 1އެވެ. ކުރިއާލައި މައުލޫމާތު ހިއްސާކުރުމުގެ މައިގަނޑު ބޭނުމަކީ ގައުމުތަކުގެ އިމުގެ ތެރެއިން ކުރެވޭ މުއާމަލާތްތަކުގެ އިދާރީ ހުރަސްތައް ނައްތާލައި، ގާނޫނުތަކަށް އަމަލުކުރުން އިތުރުކޮށް، ސަރަހައްދީ ގުޅުން ބަދަހިކުރުމެވެ.
މި އިސްނެގުމުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިންނަށް މުހިންމު ފައިދާތައް ލިބިގެންދާނެ އެވެ. އެ ފައިދާތަކަކީ:
- އިމުގެ ސަރަހައްދުތަކާއި ކްލިއަރެންސް ދޭ ބަނދަރުތަކުގައި މުދާ ލަސްވުން މަދުވުން.
- މުދާ އެތެރެކޮށް ބޭރުކުރާ ވިޔަފާރިތަކުގެ ލޮޖިސްޓިކްސް ހަރަދުތައް ކުޑަވުން.
- މުދާ ފޮނުވުމުގެ ކަންކަން ކުރިއާލައި ލަފާކުރެވޭ މިންވަރާއި ސަޕްލައި ޗެއިންގެ ހިންގުން ހަރުދަނާވުން.
- ސަރަހައްދީ ސަޕްލައި ޗެއިންގެ ރައްކާތެރިކަން އިތުރުވެ، ވިޔަފާރީގެ މުއާމަލާތްތައް އަވަސް، ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަކަށް ބަދަލުވުން.
މި އިސްނެގުމަކީ ސަސެކްގެ އުސޫލުތަކުގެ ދަށުން ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއި، ކަސްޓަމްސް ކްލިއަރެންސް ނިޒާމު ޒަމާނީ ކުރުމަށާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގައުމުތަކުން ވަނީ ބުނެފަ އެވެ.
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
ރޮބާޓީ ކާލޯސް އިސްލާމިވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި