އާންމު ގޮތެއްގައި ހީވެފައި އޮންނަނީ ބަރުދަން ލުއިކުރުމަށް އެންމެ މުހިންމީ ޑައެޓް ކުރުމާއި ކަސްރަތު ކުރުން ކަމަށް. ނަމަވެސް ފަހުގެ ދިރާސާއަކުން ނިދި މަދުވުމުން ބަރުދަން އިތުރުވާ ކަމަށް ހޯދިފައިވޭ. ނިދި ފުރިހަމަ ނުވާނަމަ، ހަށިގަނޑަށް ލޮޑުކަމާއި ވަރުބަލިކަން ގެނުވައިދޭ. އޭގެ ސަބަބުން ހެލިފެލިވެ އުޅުމުން މަނާވެގަނެ އިށީންދެވޭ ނުވަތަ އޮށޯވެވޭނެ ތަންތަނަށް ބޮޑަށް ސަމާލުކަން ދެވޭ، އެއީ ހަށިގަނޑު އެކަމަށް ގޮވާލާތީ.

އެންމެ ފަސޭހައިން ބަރުދަން ލުއި ކުރެވޭނީ ކިހިނެތްތޯ މީހެއް ކައިރީ އަހާލައިފިނަމަ، ފުރަތަމަ ޖަވާބަކަށް ވާނީ ކެއުން މަދުކުރުމާއި ކަސްރަތު ކުރުމެވެ. ފިޓްނަސް ކޯޗުންގެ ނަސޭހަތަކީ ވެސް އެއީ އެވެ. ވީމާ ބަރުދަން ލުއިކުރަން ވިސްނާއިރު ކޮންމެ މީހެއްގެ ސިކުނޑިއަށް ފުރަތަމަ ވިސްނޭނީ ކެއުން މަދުކުރުމާއި، ހަރަކާތްތެރިވެ އުޅުމެވެ.

ރޭގަނޑުގެ ނިދި ހަމަކުރުން: ބަރުދަން ލުއިކުރުމަށްޓަކައި އަޅާ ނުލެވިފައިވާ އެންމެ މުހިންމު ކަންތައް

ނިދިން މަހުރޫމުވުމަކީ މީހާގެ ސިއްހަތަށް ގެއްލުން ހުރިކަމެއް ކަމަކަށް އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. ހަމަ އެފަދައިން ނިދި މަދުވެފައިވާ ނަމަ، މީހާގެ ވިސްނުމަށް އަސަރު ކުރެ އެވެ. ލޮޑުވެ އެވެ. ވަރުބަލިވެ އެވެ. އެފަދަ ހާލަތެއްގައިވާ މީހަކަށް އެއްވެސް މަސައްކަތެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހެލިފެލިވެ އުޅުން ވެސް މެ އެވެ.

މިހާ މުހިންމު ކަމަކަށް ހޭލުންތެރިކަން ދެވިފައި ނުވާތީ، ނިދި ހަމަކުރުމަކީ އެންމެ އަޅާނުލެވޭ އެއްކަމެވެ. އާންމު ގޮތެއްގައި ހީވެފައި އޮންނަނީ ބޮޑަށް ނިދި ނުލިބޭ ނަމަ ސިއްހަތަށް ގެއްލުން ލިބޭނެ ކަމަށެވެ. ގިނަ ފަހަރަށް ނިދި މަދުވުމުގެ ސަބަބުން އަސަރު ކުރަނީ ހަމައެކަނި މީހާގެ މޫޑަށާއި ވިސްނުމަށް ކަމަށް ވެސް ހީކުރެވިފައިވެ އެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން ހާމަވާ ގޮތުގައި ނިދަންވާ މިންވަރަށް ވުރެ އެއްގަޑިއިރު ނިދި މަދުވާ ނަމަ ވެސް ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.

ހޯދުންތަކުން އިތުރަށް ހާމަވާ ގޮތުގައި ރޭނގަނޑުގެ ނިދިން މަހުރޫމް ވުމަކީ ބަރުދަން ވަކި މިނެއްގައި ހިފެހެއްޓުމަށް އުނދަގޫވާ ކަމެކެވެ. ނިދި މަދުވަނީ ވަރަށް މަދުން ކަމަށް ހީވި ނަމަވެސް މެ އެވެ. ވީމާ ކުރިން ހީކުރެވިފައިވާ ގޮތާ ޚިލާފަށް ނިދި ހަމަނުކޮށް ކުރާ ކަސްރަތުންނާއި، ކެއުން ކޮންޓްރޯލް ކުރުމުން ބަރުދަން ލުއިކޮށެއް ނުދެ އެވެ. އެއީ ކުރިން ބުނެވިދިޔަ ފަދައިން ނިދި ހަމަނުވުމުގެ ސަބަބުން ހަށިގަނޑަށް ވަރުބަލިކަމާއި ލޮޑުކަން ކުރިމަތިވެފައި ވާތީ އެވެ.

އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގައި އާންމުކޮށް 7 ގަޑިއިރު ނިދުމަށް އާދަކޮށްފައިވާ 95 ވޮލަންޓިއަރުން ބޭނުންކޮށްގެން ކުރެވުނު ދިރާސާއެއްގައި، އެ މީހުންގެ 7 ގަޑިއިރުގެ ނިދިން 90 މިނެޓް އުނިކުރަން އެންގުނެވެ. ހަ ހަފުތާގެ ދިގުމިނަށް ކުރިއަށް ގެންދެވުނު މި ދިރާސާގައި ނިދި މަދުކުރުމަށް ފަހު، ބަރުދަން ނޯޓު ކުރިއިރު، އެ މީހުންގެ ބަރުދަނަށް 0.4 ކިލޯގްރާމް އިތުރު ވެފައިވާކަން ފާހަގަވި އެވެ. އަދި އެ މީހުންގެ އުނަގަނޑުގެ ވަށަމިން ވެސް އިތުރުވެފައިވެ އެވެ.

އެ މީހުންގެ ފަރާތުން އިތުރަށް ފާހަގަވި ހައިރާން ކުރުވަނިވި ކަމަކީ، ކޮންމެ ދުވަހަކު 17 ވަރަކަށް މިނެޓު ހެލިފެލިވެ އުޅުން ވެސް މަދުވި ކަމެވެ. މިބަދަލު ބޮޑަށް ފާހަގަވެފައި ވަނީ ފިރިހެނުންގެ ފަރާތުންނާއި އިއްދައިން ކެނޑިފައިވާ އަންހެނުންގެ މެދުގަ އެވެ.

ވީމާ މިތާ ފާހަގަކޮށްލަން މުހިންމު ނުކުތާއަކީ ބަރުދަން ލުއިކުރުމަށް ރޭގަނޑުގެ ފުރިހަމަ ނިދި މުހިންމު ކަމެވެ. ނިދި ހަމަނުކޮށް ޑައިޓްކުރުމާއި ކަސްރަތު ކުރުމުގެ މާބޮޑު މާނައެއް ނެތް ކަމެވެ.