ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާ ދެކޮޅަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ފެށި ޕެޓިޝަނުގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފި އެވެ.
އަންނަ އޮކްޓޯބަރު މަހުން ފެށިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން ގާނޫނުން ވަނީ ލާޒިމުކޮށްފަ އެވެ.
ޓީމްއިން ބުނި ގޮތުގައި ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއެކު ފާސްކުރި މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ލިބެމުންދާ ރިސޯޓު މުވައްޒަފުންނަށެވެ. އެކަމާ ދެކޮޅަށް މިދިޔަ ހަފްތާ ބަންދުގައި ސޮއިކުރަން ފެށި މި ޕެޓިޝަނަށް އެކި ފަންތީގެ ރިސޯޓުތަކުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އެއް ދުވަސް ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ވަނީ އެ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ.
ޓީމް އިން ބުނި ގޮތުގައި މިއީ މުވައްޒަފުންގެ އާމްދަނީއާއި ހައްގުތައް ދިފާއުކުރުމުގައި މުވައްޒަފުން އެއްގަލަކަށް އަރާފައިވާކަމުގެ ހެއްކެކެވެ.
އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ އެހެނިހެން ރިސޯޓުތަކުގެ މުވައްޒަފުން ވެސް މި ޕެޓިޝަނުގައި ބައިވެރިވުމަށް އެދިފަ އެވެ.
ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ޑިމާންޑުކޮށްފައި ވަނީ މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް މަޑުޖައްސާލުމަށެވެ. އަދި މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތް ކަމެއްގައި އެ މީހުން އަގު ދައްކަންޖެހުމަކީ އިންސާފެއް ނޫން ކަމަށާއި، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި މުސާރަ ރުފިޔާއަށް ބަދަލުކުރުމާ ދެކޮޅު ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.
ހަމައެއާއެކު ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި، މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާ ފިޔަވަޅުތައް އަޅަންވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
2 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެލީން ޑިއޯންގެ ފެނިލުމެއް!
ފުރިހަމަ ނިދި ލިބެނީ ކަނު އަނދިރީގައި ނިދުމުން؟
"ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނަން: ފައްޔާޒް