ބޮލީވުޑްގެ ތަރި އަރްބާޒް ޚާންއާއި އޭނާގެ އަންހެނުން ޝުރާ ޚާންއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ނޫސްތަކުން މި ހަބަރު ފަތުރަން ފަށާފައިވަނީ މީގެ ދެތިން ދުވަހެއް ކުރިން އެ ދެމަފިރިން އެކުގައި މެޓާނިޓީ ކްލިނިކަކުން ނުކުންނަނިކޮށް މީޑިއާއަށް ފެނުމުންނެވެ.

މި ފެނިލުމުގައި މީޑިއާގެ ސަމާލުކަން ނުލިބި ކާރަށް އަރަން އެ ދެމީހުން މަސައްކަތް ކުރިކަން ނޫސްވެރިންނަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

އެއާއެކު ޝުރާ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރަން ފެށި އެވެ. އެހެން ނަމަވެސް އެކަން އެ ދެމަފިރިން މިހާތަނަށް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އަރްބާޒްއާއި ޝުރާ ކައިވެނި ކޮށްފައިވަނީ އަހަރެއްހާ ދުވަހު އެކުގައި އުޅުމަށްފަހު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެއީ ޝުރާގެ އަލަތު ކައިވެންޏަށް ވީނަމަވެސް އަރްބާޒު ވަނީ މީގެ ކުރިން މަލައިކާ އަރޯރާއާ ކައިވެނި ކޮށްފަ އެވެ. އެ ކައިވެންޏަށް އެއް ކުއްޖަކު ލިބިފައިވެ އެވެ.