އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެޔޮ ގަންނަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު ލޯނެއް ދީފި އެވެ.

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގަން އޭޑީބީން ދިން ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ލޯނު ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.

މި ދެ އެއްބަސްވުމުގައި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ.

އެ މިނިސްޓްރީން ބުނީ މި ލޯނު ނެގުމުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުން ކަމަށެވެ. އަދި މި ފެސިލިޓީއަކީ، މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ދަރަނި އިތުރުވުން ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ލޯނުގެ އިންޓަރެސްޓް ރޭޓް އަދި އަނބުރާ ދައްކަން ޖެހޭ މުއްދަތެއް ފިނޭންސް މިނިސްޓްރީން ނުބުނެ އެވެ.