ސުޕްރީމް ކޯޓުގެ ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގަމުންދާ ތަހުގީގަށް ހުށަހަޅާފައިވާ ދިފާއީ އެއްވެސް ހެކެއް ބަލައިނުގަނެ، ފަނޑިޔާރު މަޤާމުން ވަކި ކުރުމަށް މިރޭ ޖޭއެސްސީން ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި މައްސަލައިގައި ޑރ. އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކަށް ރިއާޔަތްނުކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އެ ކޮމިޓީގެ ރިޕޯޓުގައި، މައްސަލައާ ގުޅިގެން ހެކިބަސް ދީފައިވާ ދަށު ކޯޓުގެ ޤާޟީންގެ ބަޔާންތަކުގައި ނުހިމެނޭ ކަންކަން ހިމަނާފައިވާކަމަށް ޑރ. އަޒްމިރާލްދާގެ ޤާނޫނީ ވަކީލު ފާހަގަކޮށްފައިވެ އެވެ.
މިރޭގެ ބައްދަލުވުމުގައި ވަކީލަކު ބޭނުންކޮށްގެން ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށާއި ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި މައްސަލައަށް ގޮތެއް ނިންމުމަށް ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީއަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ އެދިވަޑައިގެންފަ އެވެ.
އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ރިޕޯޓު އެކުލަވައިލި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ތިބި މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރިނުވަން ވެސް އަޒްމިރާލްދާ އެދިވަޑައިގެންނެވި އެވެ.
ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ.
މީގެ ކުރިންވެސް ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މި މައްސަލަ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުށަހެޅުމުން، އެ ފުރުޞަތު ދިނުމަށް ޖޭއެސްސީން ވަނީ އިންކާރުކޮށްފަ އެވެ.
އަޒްމިރާލްދާގެ ފަރާތުން ވަނީ އޭނާގެ ސަސްޕެންޑްކޮށްފައިވާ މައްސަލަ، ޔޫއެން ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސް އަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ސަރުކާރުން ޖަވާބުދާރީވާންވެސް ވަނީ އަންގާފަ އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ އަދި ފަނޑިޔާރު ހުސްނުއް ސުއޫދު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރު އަޑީގައި އޮވެގެން އޭސީސީ ބަލަން ފެށި ކަމަށް ބުނި އަސްލެއް ނެތް މައްސަލައަކާ ގުޅިގެންނެވެ.