ސްކޫލްތަކުގައި ކިޔަވައިދިނުމަށް ޓެބްލެޓް، ކޮމްޕިއުޓަރު އަދި ސްމާޓް ސްކްރީން ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން އާދަޔާ ހިލާފަށް އިތުރުވެފައިވާތީ އޭގެ ސަބަބުން ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އެމެރިކާގެ ސާޖަން ޖެނެރަލްގެ އޮފީހުން ބޮޑު އިންޒާރެއް ނެރެފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްއިން ދާދިފަހުން ޝާއިޢުކުރި ރަސްމީ އިރުޝާދެއްގައި ކުދިންގެ ކިޔެވުމުގެ ފެންވަރު މަތި ކުރުމަށާއި ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ސްކޫލް ގަޑިތަކުގައި ސްކްރީން ބޭނުންކުރާ މިންވަރު ވީހާވެސް ބޮޑަށް ދަށް ކުރުމަށް ސްކޫލްތަކަށް ވަނީ ގޮވާލާފަ އެވެ.
ފޮތްތަކާއި ކަރުދާހަށް އާ ބާރެއް
މި އިރުޝާދުގައި ސްކޫލްތަކަށް ލަފާ ދީފައިވަނީ ހުރިހާ ގްރޭޑްތަކެއްގައި ވެސް ޑިޖިޓަލް ފޮތްތަކުގެ ބަދަލުގައި ހަގީގީ ކަރުދާސް ފޮތްތައް ބޭނުން ކުރުމަށެވެ. އަދި ކްލާސްރޫމްތަކުގައި ދެވޭ އެސައިންމަންޓްތަކާއި މަސައްކަތްތައް ވެސް ކޮމްޕިއުޓަރުން ކުރުމުގެ ބަދަލުގައި ކަރުދާހާއި ފަންސޫރު ބޭނުން ކޮށްގެން ކުރުމަށް އިސްކަން ދިނުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން، ދަރިވަރުން އަތަށް ލެޕްޓޮޕް ނުވަތަ ކްރޯމްބުކް ދިނުމުގެ ބަދަލުގައި، ޓެކްނޮލޮޖީ ބޭނުން ކުރުން ހަމައެކަނި ކޮމްޕިއުޓަރު ލެބްތަކަށް ގޮސް ވަކި ގަޑިތަކެއްގައި ކުރާ ކަމަކަށް ހެދުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ވެސް ސްކޫލް ގަޑިތަކުގައި ފޯނު ބޭނުންކުރުން މަނާކުރާ "ބެލް-ޓު-ބެލް ބޭން" ތަންފީޒު ކުރަމުން ދާއިރު، މި އާ އިރުޝާދާއެކު އަމާޒު ހިފާފައިވަނީ ކްލާސްރޫމްތަކުގައި ބޭނުންކުރާ "އެޑް-ޓެކް" ވަސީލަތްތައް ވެސް މަދު ކުރުމަށެވެ.
ސްކްރީން ގިނަވުމުގެ ނުރައްކާ
ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި ކުދިން ސްކޫލްގަިއާއި ގޭގައި ސްކްރީންތަކަށް މާ ގިނަ ވަގުތު ހޭދަކުރުމުން ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ނިދި މަދުވުމާއި ނިދުމުގެ ފެންވަރު ދަށްވުން
- ކްލާސްތަކުގައި ސަމާލުކަންދޭން އުނދަގޫވުން
- ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުން
- މީހުންނާ ހަގީގީ ދިރިއުޅުމުގައި ބާއްވާ ގުޅުންތަކަށް ބުރޫ އެރުން (
ނިއުރޯސައިންސްގެ ދިރާސާތަކުން ދައްކާގޮތުގައި، ސްކްރީނުން ކިޔުމާއި ނޯޓްސް ނެގުމަށްވުރެ އަމިއްލަ އަތުން ކަރުދާހުގައި ލިޔެގެން މަސައްކަތް ކުރުމުން ކަންކަން ހަނދާނުގައި ހަރުލުމަށާއި ސިކުނޑީގެ ވިސްނުން ތޫނުވުމަށް މާ ބޮޑަށް އެހީތެރިވެދެ އެވެ.
މި ރިޕޯޓާ ގުޅިގެން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ޓީޗަރުން ވެސް ދަނީ ސްކޫލްތަކުގައި ޓެކްނޮލޮޖީގެ ބޭނުން މާ ބޮޑަށް ހިފުމުން ކުދިންގެ އަހްލާގަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުކުރާ ކަމަށް އެއްބަސްވަމުންނެވެ. އެހެންކަމުން، މިއީ ޓެކްނޮލޮޖީއާއި ހަގީގީ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ވެސް ޓެކްނޮލޮޖީ ބޭނުން ކުރުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު އެކަމުގެ އަނދިރި ފަރާތަށް ވިސްނައި ދުރާލާ ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!