އިންޑިއާގެ ގައުމީ ޓީވީއިން ކުރިއަށް ގެންދިޔަ ބެޓްލް އޮފް ބޭންޑްސްގެ ތިންވަނަ ހޯދި ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ހާއްސަ ޝޯއެއް އޮލިމްޕަހުގައި ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ޝޯއަކީ ބެޓެލް އޮފް ދަ ބޭންޑްސްގައި އެ ބޭންޑު ބައިވެރިވުމުން ދިވެހިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ސަޕޯޓުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ބޭންޑުން އިންތިޒާމުކުރި ޝޯ އެކެވެ.

މި ޝޯގައި ޓޫ އޮފް އަސްގެ އިތުރުން އިންޑިއާގެ ބައެއް އާޓިސްޓުން ފެނިގެންދާނެ އެވެ. އެގޮތުން ބެޓެލް އޮފް ދަ ބޭންޑްސްގެ ދެ ފަނޑިޔާރުންގެ ގޮތުގައި ފެނިގެންދިޔަ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން ވެސް އެ ޝޯގެ ތެރެއިން ފެންނާނެ އެވެ.

މީގެ އިތުރުން އެ ޝޯ ހުށައަޅައިދޭނީ ވެސް ބެޓެލް އޮފް ދަ ބޭޭންޑްސް ހުށައަޅައިދިން ހޮސްޓް ކޭތަން ސިންހް އެވެ. އޭނާއަކީ ހެއްވާ މަޖާ ޝޯތައް ހުށައަޅައިދޭ މީހެކެވެ.

މިއާއެކު އޮލިމްޕަހުގައި މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ޝޯއަކީ ބެޓެލް އޮފް ދަ ބޭންޑްސްގެ ނުރަސްމީ ފެނިލުމެއް ކަމުގައި ބުނެވިދާނެ އެވެ.

ޖުމްލަ 12 ޓީމާއެކު ކުރިއަށް ދިޔަ ބެޓެލް އޮފް ދަ ބޭޭންޑްސްގެ ފިނާލޭއިން ދެވަނަ ރަނަރަޕް ޓޫ އޮފް އަސް އަށް ލިބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓީމުތަކާ ވާދަކޮށްގެންނެވެ.