ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމާމެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެގައުމުން ހާމަކޮށްފި އެވެ. މިކަމާ މެދު ގޮތެއް ނުނިންމައި ލަސްވަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާ މައްސަލައާއި ހޮރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހުރެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމަށް އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. ގަތަރާއި ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް މެސެޖުތައް ބަދަލުކުރެވެމުން ދިޔަ ނަމަވެސް، އެއީ ރަސްމީ މަޝްވަރާތަކެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ ޖޫން މަހު ޕާކިސްތާނުގައި ސޮއިކުރި ފަހުމުނާމާއަށްފަހު އަލުން ހަމަނުޖެހުންތައް ފެށުނީ އެމެރިކާގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވައި، އަރާގްޗީ ވިދާޅުވީ މި ހަމަނުޖެހުންތަކުން އަރައިގަތުމަށް އާ މަގުތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅީގައި އާ ރޫޓުތަކެއް ކަނޑައެޅުމަށް އޮމާނާއެކު ފަންނީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނަމަވެސް މިއީ ސިޔާސީ ހައްލެއް ލިބުމުން ނޫނީ އަމަލީ ސިފައެއް އަންނާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އަލުން ފެށޭނީ އެމެރިކާއިން އިހުތިރާމް ކުރަންޖެހޭ ބައެއް ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރާގްޗީ މިހެން ވިދާޅުވެފައިވަނީ، އީރާނު ބަލިކުރުމަށްފަހު ހޮރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ތަނެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި ދުވަހު އެވެ. މިކަމަށް ރައްދު ދެއްވައި އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅިއަކީ އަބަދުވެސް އީރާނުގެ ތަނެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެއީ އީރާނުގެ މިލްކެއް ކަމަށެވެ.
އެމެރިކާގެ މިސްރާބު އިގްތިސާދީ ފިއްތުންތަކަށް
އީރާނުގެ ވެރިކަން ވައްޓާލުމަށް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާއާއި އިޒްރޭލުން ކުރި މަސައްކަތް ހަ މަސް ދުވަސް ވީއިރުވެސް ކާމިޔާބު ނުވުމުން، އެމެރިކާއިން މިހާރު މިސްރާބު ޖަހާފައިވަނީ އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވުމަށެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، ދުނިޔެ ދުވަހަކުވެސް ނުދެކޭ ފަދަ އިގްތިސާދީ އެކަހެރިކުރުމެއް އީރާނަށް ކުރިމަތިކުރުވާނެ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާނުގެ ބަނދަރުތަކަށް އެއްވެސް އެއްޗެއް ވެއްދުމާއި ބޭރުކުރުން ހުއްޓުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ "ޝެޑޯ ބޭންކިންގް" ނިޒާމު މިހާރު ބަލިކަށިވަމުންދާ ކަމަށާއި، އެގައުމަށް ފައިސާ ދައުރުކުރެވޭނެ މަގުތައް ބަންދުވަމުންދާ ކަމަށްވެސް ބެސެންޓް ފާހަގަކުރެއްވި އެވެ. ނަމަވެސް، 1979 ގެ އިންގިލާބަށްފަހު އީރާނުން ދަނީ މިފަދަ އެތައް އިގްތިސާދީ ދަތިކުރުންތަކަކާ ކުރިމަތިލަމުންނެވެ.
އެމެރިކާގެ ކުރީގެ ސަފީރެއް ކަމަށްވާ މާކް ގިންސްބާގް ވިދާޅުވި ގޮތުގައި، މިއީ ދެފަރާތުގެ މެދުގައި ކުރިއަށްދާ އިގްތިސާދީ ކޯޅުމެއް ކަމަށާއި، މި ކުރިމަތިލުމުގައި އެންމެ ފަހުން ދޫދޭން ޖެހޭނީ އެމެރިކާ ސަރުކާރަށް ކަމަށް ބެލެވޭ ކަމަށެވެ.
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
ސްޓްރޯބެރީ ސްކިންއަށް ގޭތެރެއިން ހައްލު ގެނެވިދާނެ؟
