އައްޑޫގެ ސްކޫލެއްގައި ކިޔަވަމުންދާ، ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވާ ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޓީޗަރަކު ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ދަރިވަރުގެ އާއިލާއިން ބުނާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކްލާސް ރޫމުގައި އެ ދަރިވަރު އިންދަ އެވެ. އަދި އަނިޔާކޮށްފައި ވަނީ، ކުލާހުގައި ބޯ ޖަހައިގެން އިންދައި ކަމަށާއި، ޓީޗަރު އަނިޔާކޮށްފައި ވަނީ ފެންބޯ ފުޅިއަކުން ބޮލުގައި ޖަހައިގެން ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި، އަނިޔާ ލިބުނު ދަރިވަރަކީ ކުޑަކުދިން އުފަންވާއިރު ދިމާވާ "ސެޖިޓަލް ކްރޭނިއޯސިނޮސްޓޯސިސް" ކިޔާ ހާލަތެއް މެދުވެރިވެގެން ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ ކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން އެ ދަރިވަރަށް ލިބުނު އަނިޔާގެ މިންވަރު ދެނެގަތުމަށް މެޑިކަލް ޓެސްޓުތައް ކުރަމުންދާ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
މި މައްސަލައާ ތަހުގީގު ކުރަމުން ގެންދާކަމަށާއި، މިހާތަނަށް މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.